ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާާކޮށް ކުރިއެރުވުމަށް ހާއްސަ ކައުންސިލެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އާ ކައުންސިލެއްގެ ގޮތުގައި ވިޒިޓާ ކައުންސިލު އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށާއި އެއީ ފަތުރުވެރިކަމަށް ހާއްސަ ކައުންސިލެއް ކަމަށެވެ. އަދި އެ ކައުންސިލު ޗެެއާކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ އިގުތިސާދުގެ އެންމެ މައި އަސާސަކީ ފަތުރުވެރިކަން. ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ހާއްސަ ފޯކަސްއެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވޭ. އެ މަސައްކަތުގެ ތެރެއިން އެކަމަށް ހާއްސަ ފޯކަސްއެއް ދެއްވުމުގެ ގޮތުން އެކުލަވާލައްވާފައިވާ ކައުންސިލެއް ވިޒިޓާ އިކޮނޮމީ ކައުންސިލަކީ. މި ކައުންސިލުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މުހިންމު އަނެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ޑައިވާސިފައި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މިހާރު ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވަނީ ލެއިޝާ ފަތުރުވެރިކަމުގެ މައްޗަށް އެކަނި ކަމަށާއި އޭގެ އިތުރަށް ސިއްހަތާ ބެހޭ ފަތުރުވެރިކަމާއި ތައުލީމާ ބެހޭ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ފަތުރުވެރިކަން ފަދަ އެކި ބާވަތްތަކުގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެ ކައުންސިލުން މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމަށެވެ. އަދި ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އާ ހަރުފަތަކަށް ގެންގޮސް، އެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެ ކައުންސިލުން ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިދާޅުވިއެވެ.
އެ ކައުންސިލުގެ އިތުރުން ކުރިން ވެސް އޮންނަ ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލު ވެސް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. ސޯޝަލް ކައުންސިލުގެ ޗެއާއަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވާފައިވާ އިރު، އިކޮނޮމިކް ކައުންސިލުގެ ޗެއާއަކަށް ހަމަޖައްސަވާފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު