ތިން ގައުމެއްގެ އިސްބޭފުޅުންނާ ނައިބު ރައީސް އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި، ނައިބު ހުސެއިން ބައްދަލުކުރެއްވީ ޗައިނާ، ކެމްބޯޑިއާ އަދި ޖީ.ސީ.ޓީ.ޕީގެ އިސް ބޭފުޅުންނާ އެވެ.
ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސްޓޭޓް ކައުންސިލާ ޝެން ޔިކިން އާއި ބައްދަލުކުރައްވައި ނައިބު ހުސެއިން ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަކީ އިތުބާރާއި، އިހުތިރާމާއި، ހިޔާލު އެއްގޮތްވާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަން ފާހަގަކުރެއްވިއެވެ. ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
އޭގެތެރޭގައި އިގްތިސާދީ ރޮނގުންނާއި، މާލީ ރޮނގުންނާއި، ދޭދޭ ގައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރައީސް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ވަފުދު ރާއްޖެ ވަޑައިގަތްކަމަށްޓަކައި އެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވައި ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިކަމުން އެކަނިވެސް ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން ރަމްޒުކޮށްދެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
ރައީސްގެ ނައިބު ވަނީ، ކެމްބޯޑިޔާގެ ޕާލިމަންޓްގެ މެންބަރު، ކޮމިޝަން އޮފް ފޮރިން އެފެއާޒް، އިންޓަރނޭޝަނަލް ކޯޕަރޭޝަން، އިންފޮމޭޝަން އެންޑް މިޑިޔާ އޮފް ދަ ނޭޝަނަލް އެސެމްބްލީ އޮފް ދަ ކިންގްޑަމް އޮފް ކެމްބޯޑިޔާ ގެ ޗެއާމަން، އަދި އިންޓަރނޭޝަނަލް ޕާލިމަންޓް ފޮ ޓޮލަރަންސް އެންޑް ޕީސް (އައި.ޕީ.ޓީ.ޕީ.)ގެ ރައީސް، ސުއާސް ޔާރާ އާވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެ ގައުމުގެ ގުޅުމާއި އަދި ބައިނަލްއަގުވާމީ އެކި މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޔުނިވާސަލް ޕީސް ޗާޓާ ބަލައިގަތުމުގެ މުހިންމުކަމާއި ދުނިޔޭގެ ސުލްހަޔާއި އަމަންއަމާންކަމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ، އިންޓަނޭޝަނަލް ޕާލިމަންޓް ފޮ ޓޮލަރަންސް އެންޑް ޕީސްގެ ރައީސް ވަނީ ސުލްހަޔާ އަމަންއަމާންކަމުގެ މަގަށް މަސައްކަތްކުރުމާއި އެކަންކަން ކުރިއެރުވުމުގައި ރާއްޖޭގެ ބައިވެރިވުން ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ހިތްވަރުދެއްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އައި.ޕީ.ޓީ.ޕީ. ގެ ރައީސް ވަނީ، ފަތުރުވެރިކަމުގެ ދާއިރާ އާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަގާފަތާ ގުޅޭ ކަންކަމުގައި ގުޅުން ބަދަހިކުރުމާއި، ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެގައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފެށުމުގެ މުހިންމުކަން ފަދަ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
ގްލޯބަލް ކައުންސިލް ފޯ ޓޮލަރެންސް އެންޑް ޕީސް (ޖީ.ސީ.ޓީ.ޕީ)ގެ ރައީސް، އަހްމަދު ބިން މުހައްމަދު އަލް ޖަރުވާން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްގެ އާއި ބައްދަލުކުރައްވައި ދެއްކެވި ވާކަހަފުޅުގައި، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި އެކި ދާއިރާތަކުން ކުރިއަރައިދިއުމަށް އެހީތެރިވުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ޖީ.ސީ.ޓީ.ޕީ.ގެ ރައީސްގެ ވާހަކަފުޅުގައި އެ ކައުންސިލްގެ މައިގަނޑު ތަސައްވުރަކީ ތައުލީމާއި، މީޑިއާއާއި، މަޝްވަރާއާއި، އެއްބާރުލުން ދިނުން ފަދަ ތަފާތު އެކި ވަސީލަތްތައް މެދުވެރިކޮށް ކެތްތެރިކަމާއި ސުލްހަވެރިކަމުގެ ސަގާފަތެއް ފެތުރުންކަމުގައި ވިދާޅުވިއެވެ.
އެގޮތުން ޖީ.ސީ.ޓީ.ޕީ.ގެ ކައުންސިލްގެ ފަރާތުން ހިންގާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ސްކޮލަޝިޕްތަކާއި ތައުލީމީ އެކި ކޯސްކޯހުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތަކަށް ފުރުސަތު ފަހިކޮށްދިނުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިފަދަ ފުރުސަތުތަކުގެ ބޭނުން އަދުގެ ޒުވާނުންނަށް އޮތް މިންވަރު ހާމަކޮށްދެއްވައި، މިފަދަ ފުރުސަތުތަކުގެ ސަބަބުން ކުރިމަގުގެ ލީޑަރުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުވުން ނިންމަވައިލައްވަމުން ދެ ބޭފުޅުންވެސް އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައިވެއެވެ.
ޚަބަރު
ޚަބަރު