ސްޕޭސް އެކްސްގެ ވަރުގަދަ ''ސްޓާ ޝިޕް'' ޖައްވަށް ފޮނުވާލިފަހުން ގެއްލިއްޖެއެވެ.

އެލަން މަސްކުގެ ސްޕޭސް އެކްސް އިން ޖައްވަށް ފޮނުވާލި ވަރުގަދަ ރޮކެޓް ''ސްޓާ ޝިޕް'' ލޯންޗު ކުރިފަހުން ޖައްވުގެ ތެރޭގައި އެރޮކެޓުގެ އެންމެ މައި ބައި ރޮކެޓް ބޫސްޓާއިން ވަކިވުމާއެކު ބޫސްޓަރ ވަނީ ގޮވާފައެވެ. އޭގެ ފަހުން އެރޮކެޓުގެ މައި ބައިގެ ގުޅުން ކެނޑި ވަނީ ގެއްލިފައެވެ.

ރޮކެޓާ ގުޅުން ކެނޑިފައިވަނީ ލޯންޗު ކުރިތާ 8 މިނެޓު ފަހުންނެވެ.

''ސްޓާ ޝިޕް''ގެ މިޝަން ކޮންޓްރޯލް ސްޓާރ ބޭސް އިން ގެންދަނީ އެ ރޮކެޓާ ގުޅުން ގާއިމު ކުރެވޭތޯ މަސައްކަތް ކުރަމުންކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ އޭޕްރިލް މަހު ''ސްޓާ ޝިޕް''ގެ ފުރަތަމަ ޓެސްޓު ރޮކެޓް ވެސް ވަނީ މިޝަން ފެއިލްވެފައެވެ. މިފަހަރުގެ ''ސްޓާ ޝިޕް'' ގެ މިޝަން ފެއިލް ވި ކަމަށް އަދި ނުނިންމާ ނަމަވެސް އެ ކުންފުނިން ވަނީ މިއީ ކާމިޔާބީއެއް ކަމަށް ބުނެފައެވެ. އެއީ ފުރަތަމަ މިޝަނަށްވުރެ އުހަށް ދެވަނަ މިޝަންގައި ދަތުރުކުރެވުނީތީ އެވެ.

އެލަން މަސްކު މީގެ ކުރިން ވަނީ މިފަހަރު ސްޓާ ޝިޕްގެ މިޝަން ކާމިޔާބު ވެއްޖެނަމަ، މާސްގައި ދިރިއުޅުމަށް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ވުމަށް ކައިރިވާނެ ކަމަށް ބުނެފައެވެ.

ސްޕޭސް އެކްސްގެ ސްޓާ ޝިޕް ގައި 33 އިންޖީނު ހުރެއެވެ. އަދި އޭގެން 551،000 ޕައުންޑުގެ ބަރުދަން އުފުލޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ސްޓާ ޝިޕްގެ ފުރަތަމަ ލޯންޗިން މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ފެއިލްވެފައި ވަނީ އެ އުޅަނދުގެ ބޫސްޓަރާ ވަކި ކުރުމަށް ބޭނުންކުރާ ބައިގައި މައްސަލަ ޖެހިގެންނެވެ.

އެމެރިކާގެ އެފްއޭއޭ އިން މީގެ ކުރިން ވަނީ ސްޕޭސް އެކްސް އިން އެ ހާދިސާ ތަހުގީގު ކުރުމުން ނޫނީ އިތުރު އުޅަނދެއް ލޯންޗު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ވެސް ބުނެފައެވެ.