ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އަލަށް ތަރައްގީކުރަން ނިންމާފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް 30 ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
ޒަމާނީ ބަދަލުތަކާއެކު މާފަންނު ގަޑިބުރު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމަށް ކަމަށެވެ.
"ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ. އެ މަސައްކަތް އަށް މަސް ތެރޭގައި ނިންމާލެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު ހިއްކައި އެތަން ރަށެއްގެ ގޮތުގައި އާބާދުކުރުމަކީ ރައީސްގެ އެންމެ ބޮޑު އެއް ވައުދެވެ.
ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކާނީ ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކާއެކުގައި ކަމަށެވެ. އެގޮތުން މަދުވެގެން ތިން މީޓަރު އުހަށް ހިއްކައި، ރިވެޓްމަންޓް ޖަހައި މޫސުމީ ބަދަލުތައް ކުޑަވާނެ ގޮތަށް އެ ފަޅު ހިއްކާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ފުށިދިއްގަރުފަޅުން 1،280 ހެކްޓަރު ހިއްކާނެއެވެ. އެއީ ހުޅުމާލޭގެ ބޮޑުމިނުގެ ތިން ގުނައެވެ.
ރައީސްގެ ރިޔާސީ ވައުދުފުޅަކީ މި ސަރުކާރުން ވެސް ހިއްކަން ފަށާފައިވާ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރަށް، މާލެ އަތޮޅުގެ ދެކުނުގައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން 66،000 ގޯތި ދޫކުރުމެވެ. ފުށިދިއްގަރުން ދޫކުރުމަށް ހަމަޖެހިފައިވަނީ 11،970 ގޯއްޗާއި 26،500 ހައުސިން ޔުނިޓެވެ. އެއީ ތިން ކޮޓަރިއާއި ހަތަރު ކޮޓަރީގެ ހައުސިން ޔުނިޓުތަކެވެ.
ޚަބަރު
ޚަބަރު