ގައުމީ ދިދަ ހަވީރު 6:00 ގެ ފަހުން ވެސް ތިރިނުކޮށް ބެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ މުއިއްޒު ދެއްކެވި ވާހަކަފުޅު ގައުމީ އަސަރުން ފުރިގެންވި އިރު، އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ދިވެހި ގައުމީ ދިދައާ މުހާތަބު ކުރައްވަމުންނެވެ. ގައުމީ ދިދަ ހަވީރު 6:00 ގެ ފަހުން ވެސް ތިރިނުކޮށް ބެހެއްޓުމަށް ނިންމެވިކަން އިއުލާނު ކުރެއްވީ އެ ވާހަކަފުޅުގައެވެ.
"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން! ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!،" ދިވެހި ދިދައަށް މުހާތަބު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ދިވެހި ދިދަ ދިވެހި ރައްޔިތުންނާ މުހާތަބު ކުރާ ކަމަށާއި އެއީ މިނިވަންކަމުގެ ދިދަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަން ދައްކައިދިނުމަށްޓަަކައި އަތްވާއި ވާރޭގައި ރެޔާއިދުވާލު އެ ދިދަ ވިހުރޭ ކަމަށެވެ. އަދި އެކަމުން ބުނެދެނީ މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ދިދައިގެ ކުލަތައް އެތުރިފައި ހުންނަ ވަކި މިންތަކާއި އިންތަކުން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެން ކަމަށެވެ.
އެހެންކަމުން ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަށް ވާނީ ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅިލާމެހި އެކުވެރިވެ، އެހީތެރިވެ، ރަނގަޅު ކަންކަން ދިރުވުމުގައްޔާއި ނުރަނގަޅު ކަންކަން އިސްލާހުކުރުމުގައި އެކަކު އަނެކަކަށް އެއްބާރުލުން ދީގެންކަން އެ ދިވެހި ދިދަ ހަނދާންކޮށްދޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު