އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެއްޓެވުމަށް އަމާޒު ކަނޑައަޅުއްވައިފިއެވެ.
މުއިއްޒު މިރޭ ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު "14 ހަފުތާ" ފޮތް ނެރުއްވައިފައެވެ. އެ ފޮތުގައި ފުރަތަމަ ވައުދަކަށް އޮތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވަނީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި، ބޭރުގެ ފަރާތްތަކުގެ ނުފޫޒުން ރާއްޖެ މިނިވަން ކުރަން ކަމަށެވެ. އެކަންކަން ހާސިލުކުރުމަށް އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް މުއިއްޒު ވަނީ ކެމްޕޭނުގެ ތެރެއިން އެތަކެއް ފަހަރު ވައުދުވެވަޑައިގެންފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ގޮވާލައި "އިންޑިއާ އައުޓް" ކެމްޕޭން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެއިރު ޔާމީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ. ޕީޕީއެމް/ޕީއެންސީން ވަނީ އިންޑިއާ ސިފައިނާ ދެކޮޅަށް "އިންޑިއާ އައުޓް" ކެމްޕޭން މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ. އަދި ކޮންމެ ރެއަކު ޕީޕީއެމް އޮފީސް ކުރިމަތީގައި އެ ހަރަކާތް ކުރިއަށް ގެންދެއެވެ.
އެ ކެމްޕޭނުގެ ކަންކަމުގައި ޔާމީން އުޅުއްވަނިކޮށް ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމާނާކޮށްފައެވެ. އެއިރު އެމަނިކުފާނަށް ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވައިފައެވެ. ޔާމީން ޖަލަށްލި ފަހުންވެސް ޕީޕީއެމް/ޕީއެންސީން ވަނީ "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ އެކަމާ ދެކޮޅަށް ބަޔާނެއް ވެސް ނެރެފައެވެ.
ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމާ ކުރުމާއެކު ޕީޕީއެމްގެ ބަދަލުގައި ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމުން، އެ ޕާޓީގެ ރިޔާސީ ޓިކެޓު މުއިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ. ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވެފައިވަނީ، ޔާމީންގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ.
އެކަން ކުރައްވާނީ އިންޑިއާއެކު އޮންނަ ގާތް ގުޅުމަށް ބުރޫ ނާރާ ގޮތަށް މަޝްވަރާކޮށްގެން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު