މީގެ އަށް އަހަރު ކުރިން ޅ. ހިންނަވަރު، ނައިލޯނުގެ، އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް)، ސްރީލަންކާގައި ހުއްޓައި ހައްޔަރުކުރީ ރަނގަޅަށް ނޫން ކަމަށް އޮމްބަޑަސްޕާސަން އޮފީހުން ނިންމައިފިއެވެ.

ސްރިލަންކާގައި ޝުމްބާ ހުއްޓައި، އޭނާ ހައްޔަރުކުރި މައްސަލަ، އޭނާގެ ފަރާތުން ވަނީ އޮމްބަޑްސްޕާސަން އޮފީހަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު އޮމަބަޑްސްޕާސަން ނިންމީ، ޝުމްބާ ހައްޔަރުކުރުމަށްފަހު އޭނާ ބަންދުގައި ބެހެއްޓީ ގާނޫނުއަސާސީގެ 45، 46 47 އަދި 48 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝުމްބާ ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބެހެއްޓުމުގެ ސަބަބުން އޮމްބަޑްސްޕާސަން ވަނީ ދައުލަތުން އޭނާގެ ކިބައިން މައާފަށް އެދެންވާނެ ކަމަށް އަންގަން ވެސް ނިންމައިފައެވެ. އަދި ވަނީ ޝުމްބާއަށް މާލީ ބަދަލެއް ދޭން ޖެހޭނެ ކަމަށް ވެސް ނިންމައިފައެވެ.

ޝުމްބާގެ ފަރާތުން މައްސަލަ އޮމްބަޑަސްޕާސަން އޮފީހަށް ހުށަހެޅީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނެވެ. އޭނާ ވިދާޅުވެފައިވަނީ މައްސަލަ ހުށަހެޅީ ޝުމްބާ ލަންކާގައި ހުއްޓައި ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާތީ ކަމަށެވެ. އަދި، ޝުމްބާ ރާއްޖެ ގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފުސާނީ ގޮތުން އަނިޔާ ލިބިފައިވާތީ އެކަމުގެ ބަދަލު ހޯދަން ކަމަށެވެ.

ޝުމްބާގެ ފަރާތުން މުހުތާޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްސަލަ ވެސް ބަލައިދިނުމަށް އެދިފައެވެ.