އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ޖިހާދާ އަނީސް އިސްތިއުފާ ދެއްވައިފިއެވެ.
"އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވީ 17 ޑިސެމްބަރު، 2020ގައެވެ. ޖިހާދާއަކީ އެ އޮފީހަށް 15 ޖެނުއަރީ 2021ގައި އެންމެ ފުރަތަމަ އައްޔަނުކުރެއްވި ތިން އޮމްބަޑްސްޕާސަނުންގެ ތެރެއިން އެކަކެކެވެ.
އޮމްބަޑްސްޕަސަންގެ މަގާމުން މިއަދު އިސްތިއުފާދެއްވައި ޖިހާދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަގާމުގެ މަސްއޫލިއްޔާތާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެންވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށެވެ. އެގޮތުން އެ މަސައްކަތަށް ފުރަތަމަ ކަނޑައެޅި ދެ އަހަރުގެ ތެރެއިން އެއް އަހަރު ހަމަވި އިރުވެސް ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލުތަކެއްގެ ސަބަބުން ހައްގު ގެއްލިފައިވާ ކަމަށް ހުށަހެޅުނު މައްސަލަތަކުގެ ތަހުގީގު ފެށިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުން ފާހަގަ ކުރެވުނު ރަނގަޅު ނޫން ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރެއްވި ކަމަށާއި އެހެން ނަމަވެސް އެދެވޭ ބަދަލެއް އައިސްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ޖިހާދާ ވިދާޅުވީ ދިމާވި އެކި އުނދަގޫތަކާ އެކުވެސް މަސައްކަތް ކުރެވޭނެ ރަނގަޅު އޮނިގަނޑެއް ގާއިމުކޮށް މަސައްކަތްތައް ހަރުދަނާ އުސޫލަކުން ގެންދިއުމަށް ރަނގަޅު ނިޒާމެއް ގާއިމުކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް ގިނަ މައްސަލަތަކެއް ނިންމާފައިވީ ނަމަވެސް އޮފީހުގެ އެންމެ އިސް ފަރާތް ކުރަންޖެހޭ މަސައްކަތްތައް ނުކުރެއްވުމުގެ ސަބަބުން، ފާއިތުވެދިޔަ އޮކްޓޫބަރު މަހާ ހަމައަށްވެސް އެ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ ސުލްހަކުރުމުގެ މަސައްކަތްތައް ނުފެށޭ ކަމަށެވެ.
"މި މައްސަލަތަކުގައިވެސް ގޮތެއް ނިންމުމަށް ތަކުރާރުކޮށް އެދިފައިވީނަމަވެސް، ބައްދަލުވުންތަކަށް ހާޒިރުވެވަޑައިނުތުމާއި ހާޒިރުވާ ބައްދަލުވުންތަކުގައިވެސް ބައްދަލުވުމަށް ކަނޑައެޅޭ ގަޑިއަށްވުރެ އަވަހަށް އަމިއްލަ ކަންކަމަށް ނުކުމެ ވަޑައިގަތުމުގެ ސަބަބުން މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެ މަސައްކަތްތައް ފުނިޖެހިފައިވެއެވެ،" ބަޔާނުގައިވެއެވެ.
އޭގެ އިތުރުން އިންތިގާލީ އޮފީހުގެ މުއްދަތު، މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި އިތުރު އެއް އަހަރަށް އިތުރުކުރުމުން، ނުނިމު ހުރި މަސައްކަތްތައް ނިންމުމަށް ރަނގަޅު މުއްދަތެއް ލިބުނު ކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް އޮމްބަޑްސްޕާސަނުން މަސައްކަތް ކުރަމުން ދިޔައީ ގާނޫނާ ހިލާފަށް "ފްލެކްސިބިލިޓީ"އަކާ އެކު ކަމަށާއި ފަހުން އައްޔަނުކުރެވުނު އޮމްބަޑްސްޕާސަން ގިނަ ދުވަހު އޮފީހަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ބަޔާނުގައިވެއެވެ.
ޖިހާދާ އިތުރަށް ވިދާޅުވީ އެ އޮފީހުގެ ތަހުގީގު ކުރުމާގުޅޭ މަސައްކަތްތަކަކީ އޮމްބަޑްސްޕާސަނުންގެ މަސައްކަތަށް ވާއިރު، އެ މަސްއޫލިއްޔަތު އަދާނުކުރައްވައި ހަމައެކަނި ބައްދަލުވުންތަކަށް ހާޒިރުވެވަޑައިގަންނަވާ ބަޔަކަށް އޮމްބަޑްސްޕާސަނުން ވެގެން ދިޔަ ކަމަށާއި ގިނަ ދުވަސް ދުވަހު ބައްދަލުވުންތައްވެސް ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ.
ޖިހާދާ ވިދާޅުވީ އޮފީހުގެ މުވައްޒަފަކު މަސްތުގެ ހާލުގައި އޭނާ މަސައްކަތްކުރާ ކޮޓަރިއަށް ވަދެ ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރީ ޗީފް އޮމްބަޑްސްޕަސަން އާއި ދެން ހުންނެވި އޮމްބަޑްސްޕާސަންއާ ގާތް ގުޅުމެއް އޮންނަ މުވައްޒަފެއް ކަމަށާއި އެކަން ކުރީ އެ ދެ ބޭފުޅުންގެ އެއްބާރުލެއްވުމާ އެކު ކަމަށް ގަބޫލުކުރެއްވޭ އެތައް ސަބަބުތަކެއް ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަން ބަލައިދިނުމަށް ތަކުރާރުކޮށް އެދިފައިވާ އިރުވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، މަސްތުވާ ތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި އެ މުވައްޒަފު ހައްޔަރުކުރުމަށް ފަހު ދޫކޮށްލުމުން، ޖިންސީ ފުރައްސާރައިގެ އަމަލުތަކަށް އެ މުވައްޒަފަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ދޭހަވާ މޭރުމަކުން އޮފީހުގެ ވަޓްސްއެޕް ގުރޫޕުގައި ވާހަކަ ދައްކާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
"މިއީ ދައުލަތުގެ މުއައްސަސާއެއްގެ ތެރެއިން ދިމަވެދާނެ ކަމަށް އަޅުގަނޑު ހީކުރި ކަންތައްތަކެއް ނޫނެވެ. އޮފީހެއްގެ ތެރޭގައި ހިނގައިގެން ނުވާނެފަދަ އަހުލާގީގޮތުން ދަށު ދަރަޖައިގެ އަމަލުތައް ހިނގާތީ އާއި، މަސައްކަތްކުރުމަށް ވަރަށް ބޮޑަށް ދަތިތަކެއް ހުރުމުން ރައީސުލްޖުމްހުރިއްޔާއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވި ނަމަވެސް އެ ފުރުސަތު ލިބިވަޑައިގެންފައެއް ނުވޭ" ބަޔާނުގައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ އޮފީހުގެ މަސައްކަތްތައް ނިމެން ދެ ހަފުތާއަށް ވެފައި ވަނިކޮށް، އޮފީހުން މައްސަލަތައް ބެލުމުގެ އުސޫލުތަކާ ހިލާފަށް ގިނަ މައްސަލަތަކެއް ކުއްލިއަކަށް ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު