ސަރުކާރެއް އެކުލަވާލަނީ ގޭގައި އަރާމުގައި ނިދާފައި ތިއްބަވަން ނޫން ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު އެކުލަވައިލާ ޓީމަކީ އެފަދަ ޓީމެއް ކަމަށެވެ. އެޓީމަކީ ރެއާއި ދުވާލު ހޭލައިތިބެގެން މަސައްކަތްކުރަން ޖެހުނަސް އެކަންކުރެވޭ ވަރުގެ ޓީމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރު މި އެކުލަވާލަނީ އަރާމުގައި ގޭގައި ނިދާފައި ތިބޭކަށް ނޫން. ރެއާއި ދުވާލު ބުރަ މަސައްކަތް ކުރަންވެގެން. އެހެންވީމަ ރައްޔިތުންނަށް ފުރިހަމަ ޔަގީންކަން އޮންނާނެ އަޅުގަނޑުމެންނާ ދޭތެރޭގައި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ 22 ކެބިނެޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު ޓީމް އެކުލަވާލަނީ ސީދާ ނަތީޖާ ނެރުމަށްޓަކައި ކަމަށެވެ. އެނޫން އެއްވެސް ކަމަކަށް ވިސްނާކަށް ފުރުސަތެއް ނޯންނާނެ ކަމަށާއި ނަތީޖާ ނެރުން ނޫން ކަމެއް އެބޭފުޅުން ނުކުރައްވާނެ ކަަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ވެރިއަކު ހޮވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. އިހުލާސްތެރިކަމާއެކު ރައްޔިތުންނަށްޓަކައި ތެދުވެރިކަމާއެކު ރައްޔިތުން ބޭނުންވާ ހިދުމަތްތައް ކޮށްދޭން އުޅޭނަމަ ކުރިމަތިވާ ދަތިތައް ގިރާ ކުރެވި އެކަންކަން ކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ރައްޔިތުން ފަހުރުވެރިވާ ފަދަ ނަތީޖާ ނެރެދެވޭ ފަދަ ޓީމެއް އެކުލަވާލާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެ ވައުދުފުޅާ އެއްގޮތަށް އެމަނިކުފާނު އެކުލަވާލާ ޓީމު ވެގެންދާނީ، ތައުލީމީ ގާބިލް ޓީމަކަށް ކަމަށެވެ. އެހެން ކަމުން ބޭނުންފުޅު ވަނީ ބައިބައި ވުމާއި ބަދަލު ހިފުމާއި ދެކޮޅުވެރިކަމުގެ ރޫހުގެ ތެރޭގައި އަބަދު އޮތުމުގެ ބަދަލުގައި، ހުރިހާ އެންމެން އެއްކޮށް، ގައުމަށް ހަމަޖެހުން ގެނަސްގެން ހުރިހާ ކަމެއް ހާސިލްވާގޮތަށް ޓީމު އެކުލަވައިލުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސަރުކާރަކީ ސާފު ސަރުކާރަކަށް ހަދަން ބޭނުން ކަމަށާއި މި ސަރުކާރުން ކޮރަޕްޝަނަށް ހަގީގަތުގައިވެސް ނޫނެކޭ ބުނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު