ނުގަވައިދުން މަސްވެރިކަން ކޮށްގެން ހިފެހެއްޓި އިންޑިއާގެ 12 މަސްވެރިންގެ ތެރެއިން 8 މީހަކު ފޮނުވާލުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ޓަމިލްނާޑު އަށް ނިސްބަތްވާ އެ މަސްވެރީން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުގަވައިދުން މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެމީހުން 24 މިލިއަން ރުފިޔާއިން (2.2 ކްރޯޑު ރުޕީސް)އިން ޖޫރިމަނާ ވެސް ކުރިއެވެ.

އެކަމާ ގުޅިގެން ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން، އިންޑިއާގެ އެކްސްޓާނަލް އެފެއާސްގެ ޔޫނިއަން މިނިސްޓަރު އެސް ޖެއިޝަންކަރަށް ސިޓީއެއް ފޮނުއްވާފައިވާއިރު، އެ ސިޓީގައި ވިދާޅުވީ އެމީހުންގެ ޖޫރިމަނާ މާފުކޮށްދީ އެ މަސްވެރިން ދޫކޮށްލުމަށް ރާއްޖޭގައި އެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ސްޓާލިން ވިދާޅުވީ އެ މަސްވެރިން ކައިބޮއެ އުޅެނީ އެ ދުވަހަކު މަހަށް ނުކުމެގެން ލިބޭ އެއްޗަކުން ކަމަށެވެ. އެ ޖޫރިމަނާގެ ފައިސާ ދެއްކޭ ވަރަށް އެމީހުންގެ ތަނަވަސްކަން ނުހުންނާނެ ކަމަށާއި އެކަމުގެ ސަބަބުން އެ މަސްވެރީންނާއި އެމީހުން އާއިލާ ދާއިމަށް ދަރަނިވެރިވެދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.