މާލޭ ރައްޔިތުންނަށް ދޫކުރާ 9031 ގޯތީގެ ތެރެއިން 6500 އަށްވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ހައްގުވެރިންނާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ރަށްރަށުން ބިން އިތުރުކުރުމަށް އިސްކަމެއް ދެއްވި ކަމަށެވެ. އަދި ހުޅުމާލޭ ފޭސް ތިނަކާއި ގުޅިފަޅާއި ގިރާވަރުފަށު އަދި އުތުރުތިލަފަޅަކީ މާލެއަށް އޮތް ހައްލު ކަމަށް ވިދާޅުވިއެވެ.

"މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން، މާލޭ ރައްޔިތުންނަށް ދޫކުރާ ޖުމްލަ 9031 ގޯތީގެ ތެރެއިން 6500 އަށްވުރެ ގިނަ ގޯތީގެ ފަތް ހައްގުވެރިންނާ ހަވާލުކުރެވިއްޖެ. މަސައްކަތުގެ އެކި މަރުހަލާގައިވާ ޖުމްލަ 7700 ފްލެޓުގެ މަސައްކަތް، މާލެ ސަރަހައްދުގައި މިހާރު ކުރިއަށް ހިނގަމުން އެބަދޭ،" ރައީސް ވިދާޅުވިއެވެ.

"އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން، ފާއިތުވީ ފަސް އަހަރު 2732 ހައުސިން ޔުނިޓް، އެކި މަރުޙަލާތަކުގައި ކުރިއަށް ގެންދިޔައިން،"

މާލެ ސަރަހައްދުން ގޯތި ދޭން މި ސަރުކާރުން ހިންގާ "ގެދޮރުވެރިން" ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުން މީހުންނަށް އެތަނުން އިން ވަކިކޮށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށާފައި ވަނީ ސެޕްޓެމްބަރު މަހުގައެވެ. ގެދޮރުވެރިޔާ ސްކީިމުގެ ދަށުން ހުޅުމާލޭން 1351 ގޯތި ދޫކުރާ އިރު، ގުޅީފަޅުން 2219 ގޯއްޗާއި ގިރާވަރުފަޅުން 5433 ގޯތި ދޫކުރަން ހަމަޖެހިފައި ވެއެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އެ އެންމެނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމަށް ހުޅުވާލި ފުރަތަމަ ބުރުގައި ފްލެޓު ލިބޭ 4000 މީހުންގެ ލިސްޓު މިހާރު އިއުލާންކޮށްފައިވާ އިރު، ރަޖިސްޓްރީ އަދި ހަވާލެއް ނުކުރެއެވެ. އަދި ދެވަނަ ބުރު ދޫކުރާ ފްލެޓުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވެފައިވާ އިރު، ދެވަނަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ލިސްޓު އަދި އާންމު ނުކުރެއެވެ.