މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އޮޅުން ފިލުވައިދިނުމަށް އެދުމުން، އެމީހުންގެ އަދަދު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ކަނޑައަޅުއްވާފައި ވަނީ، އެ އޮފީހަށް ގާނޫނުން ލިބިދޭ ބާރުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނީ "ދިޔަރެސް" ނޫހުގެ ފަރާތުން އަހުމަދު އަޒާން އެވެ. ނަމަވެސް މި މައުލޫމާތު ހިއްސާކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ޑިފެންސް މިނިސްޓްރީގެ އެ ނިންމުން އަޒާންގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސްކުރިއެވެ. އެ މައްސަލަ އަޒާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ، ޑިފެންސް މިނިސްޓްރީގެ ނިންމުން ރަނގަޅު ކަމަށް އޭރުގެ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން، މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި ބެލެހެއްޓެވި ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ، ޑިފެންސުން އެ މައުލޫމާތު ހާމަ ކުރުމަށް އިންކާރުކޮށް ނިންމި ނިންމުމުގައި ގާނޫނުގެ އެކި މާއްދާތަކާ ހަވާލާ ދީފައިވީނަމަވެސް އެއިން އެއްވެސް މާއްދާއެއް އެ ނިންމުމާ ގުޅެނީ ކިހިނެއްކަން ބަޔާންކޮށްދީފައެއްނުވާ ކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމުގަިއވެސް އެކަންކަން ބަލާފައިނުވާކަން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ނިންމާފައިވާ ގަޒިއްޔާތަކަށް ބަލާއިރު އެ ގަޒިއްޔާގައިވާގޮތަށް، ހޯދުމަށް އެދުނު މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބަޔާންކުރާނަމަ ގައުމީސަލާމަތަށް ނުރައްކާވާނެ މައުލޫމާތެއްކަމަށް ބަލާނެ މިންގަނޑަކީ ރީޒަނަބަލް އެކްސްޕެކްޓޭޝަނަށް ވާންޖެހޭ، އަދި އެމައުލޫމާތެއް ހާމަކުރުމުން ހަގީގީ ގެއްލުމެއް މެދުވެރިވުމުގެ އިހުތިމާލު އޮތްކަން ސާބިތުކޮށްދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމުގައި ކަމާބެހޭ ސަބަބުތައް އެކަށީގެންވާމިންވަރަށް ބުނެދެވިފައިވާ ކަމަށް ބެލެވޭކަށްނެތް ކަމަށްވެސް ހުކުމުގައިވެއެވެ.

މި މައްސަލައިގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ދައްކަންހުރިހުރިހާ ވާހަކައެއް ދައްކައި ނިންމުމުގެ ފުރުސަތު ދިން ނަމަވެސް އިލްތިމާސްކުރި ފަރާތަށް ވާހަކަދައްކަން އެއްވެސް ފުރުސަތެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދީފައިނުވާ ކަމަށާއި ނަތީޖާއެެއްގެ ގޮތުން އިލްތިމާސް ކުރާފަރާތުން ހުށަހެޅި މައްސަލައިގައި، ޑިފެންސް މިނިސްޓްރީން ދީފައިވާ ޖަވާބާ ގުޅިގެން ރައްދުގައި އެއްވެސް ކަމެއް ހުށަހެޅުމުގެ ފުރުސަތު މައްސލަ ހުށަހެޅި ފަރާތައް ލިބިފައނުވާކަވެސް ފާހަގަކޮށްފައިވެއެވެ.

އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައިވަނީ ގައުމީ ދިފާއީ ބާރުގެ ސިފައިންގެ ގައުމީ ލަފާދޭ ކޮމިޓީއާއެކު ބޭއްވި ސިއްރު ބައްދަލުވުމަކަށް ފަހުގައިކަމަށް އައިކޮމްގެ ނިންމުމުގައި ފާހަގަކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގެ ރެކޯޑިންއެއް އަދި މަހުޟަރެއްވެސް ނެތްކަމަށް އައިކޮމްއިން އެއްބަސްވާއިރު، އެ ބައްދަލުވުމުގައި ސިފައިންގެ ލަފާދޭ މަޖިލީހުން ފާހަގަކުރި އެއްވެސް ނުކުތާއެއް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމުގައި ބަޔާންކޮށްފައި ނެތކަމަށާއި، ޝަރުއީ އަދި ގާނޫނީ ނިންމުމެއް ނިންމާއިރު އެ ނިންމުމަކަށް ވާސިލުވި ގޮތް އެނގޭނެހެން ބަޔާންކުރުމަކީ ގާނޫނު އަސާސީން ލާޒިމުކުރާ ކަމެއްްކަމަށާއި، އެފަދައިން އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރާނެ ގޮތުގެ ތަފުސީލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މައްސަލައެއްގައި ނިންމާ ނިންމުމަކަށް ވާސިލުވި ގޮތް ބަޔާންކުރުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގުގެ މައިގަނޑު އަސާސް ކަމަށެވެ.

ގާ މައުލޫމާތު ހާމަކުރުމުން އިސްތިސްނާވާ ހާލަތްތައް ބަޔާންކުރާ މާއްދާތަކަށް ހަވާލާދީ އެމައުލޫމާތު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމިއިރު އެ މާއްދާތަކާ އެ މައުލޫމާތާ ގުޅޭ ގޮތެއް ބަޔާންކޮށްފައި ނެތްކަމަށެވެ. އަދި އައިކޮމްގެ ނިންމުމުގައިވެސް އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެ މައުލޫމާތެއް ހިފަހައްޓާނަމަ އެ މައުލޫމާތެއް ހާމަކުރުމުން ގެއްލުމެއް ލިބުމުގެ އިހުތިމާލު އޮތްކަން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ހަމަބުއްދިން ޤަބޫލުކުރެވޭ މިންވަރަށް އެކަން ސާބިތުކޮށްދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމުގައި ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

އެކަންކަމަށް ބަލައި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތު ހާމަކުރަންނުޖެހޭކަމަށް ނިންމާފައިވަނީ އެކަމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރު ނުކޮށް ކަމަށެވެ. އަދި އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމަކަމަށްވާތީ އެ ނިންމުން ބާތިލުކުރުމާއެކު، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ އޯހަށް ހުށަހަޅައިފިނަމަ ކޯޓުން ފާހަގަކުރި ކަންކަމުގެ އަލީގައި އަލުން މައްސަލަ ބަލަންޖެހޭނެކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފައެވެ.