އިންޓަ ޕާލެމެންޓަރީ ޔޫނިއަން، (އައިޕީޔޫ)ގެ ޑިމޮކްރަސީ އަދި ހިއުމަން ރައިޓްސް ކޮމެޓީގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހޮވައިފިއެވެ.
ރާއްޖެއިން އެ ކޮމިޓީއަށް އިންތިހާބުކުރި މެންބަރުގެ ގޮތުގައި ޖީހާން އެކޮމިޓީއަށް އިންތިހާބުކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންކަމުން އެ ކޮމެޓީގެ ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގެންނެވި ފުރަތަމަ ދިވެއްސަކީވެސް ޖީހާން އެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ، އިންޓަ ޕާލިމެންޓަރީ ޔޫނިއަންއަކީ 1889 ވަނަ އަހަރުން ފެށިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ބޭނުމަކީ ޑިމޮކްރެޓިކް ގަވަނަންސްގެ ތެރެއިން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ކުރިއަށް ގެންދިއުމާއި، މަޖިލީހުގެ ތެރެއިން އަންހެން މެންބަރުންނަށް ގޮނޑި ލިބޭ ފުރުސަތު އިތުރުކޮށް، ޒުވާނުން ސިޔާސީ މައިދާނަށް ނިކުތުމަށް ބާރުއެޅުމެވެ.
އައިޕީޔޫގައި ދުނިޔޭގެ ގާނޫނު ހަދާ 150 މަޖިލިސް ތަމްސީލު ކުރެއެވެ.
އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަކީ އެ ޖަމްއިއްޔާގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުހިންމު އެއް ކޮމެޓީއެވެ. މިއީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމާބެހޭ ކޮމިޓީއެވެ.
ޖީހާން އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު