އައްޑޫ ހުޅުދޫގެ 6 ދިމާއަކުން ގާޑިއާގެ ވިޔަފާރިއަށް ހުއްދަ ދޭން ނިންމައި، އެކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ބުނީ، އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ ދަށުން ގާޑިޔާ ވިޔަފާރިކުރުމަށް ޓަކައި، އައްޑޫ ހުޅުދޫގެ 6 ސަރަހައްދަކުން ގާޑިޔާ ވިޔަފާރިއަށް ވަގުތީ ހުއްދަ ދޫކުރާގޮތަށް ހަމަޖެއްސީ ކަމަށެވެ.

ނަމަވެސް މި ސަރަހައްދުތަކަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު ހަޔަކަށްވުރެ އިތުރު ނަމަ ޕްލޮޓް ދޫކުރާނީ ގުރުއަތުން ކަމަށާއި ޕްލޮޓް ކަނޑައަޅާނީ ވެސް ގުރުއަތުން ކަމަށެވެ. މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 16 އާއި ހަމައަށެވެ.

ގާޑިޔާ ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުޅުދޫ އަވަށު އޮފީހަށް ފޯމް ހުށަހެޅޭކަމަށާއި، ފޯމް ރަސްމީގަޑީގައި ހުޅުދޫ އަވަށު އޮފީހުން ލިބެން ހުންނާނެ ކަމަށް އެ ކައުންސިލު އިދާރާއިން ބުންޏެވެ.

  • G01 - ފްލެޓް އިމާރާތުގެ ދެކުނު ހުޅަނގު އަތިރި މަތި
  • G02 - ކަނޑޫއެޅެ ސަރަޙައްދު
  • G03 - ހުސައިނާ ފަންނު / ބޮނޑޮގޭ ފަންނު
  • G04 - ފޮކޮޅެމަގު އިރުން އަތިރި މަތި
  • G05 - އުރީދޫ އެންޓަނާ ކައިރި
  • G06 - މާފިށި ނިމޭ ސަރަޙައްދު