ދެހާސް ވިހިވަނަ އަހަރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އުސޫލާ ހިލާފަށް އެކަނިވެރި މައިންނަށް އެލަވަންސްގެ ގޮތުގައި ދޫކުރި 93،000 ރުފިޔާ އަނބުރާ ހޯދަން އޮޑިޓް އޮފީހުން، އެންސްޕާއަށް އަންގައިފިއެވެ.

އޮޑިޓް އޮފީހުން މިދިޔަ އާދިއްތަ ދުވަހު ވަނީ އެންސްޕާގެ 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި އޮޑިޓް އޮފީހުން ބުނީ، އެހީ ލިބޭ ފަރާތްތަކުގެ ހާލަތު ބަދަލުވެއްޖެނަމަ، އެކަމެއް އެންސްޕާއަށް އަންގަން ވާނެ ކަމަށް އެ ފަރާތަކުން އިގުރާރެއްގައި ސޮއިކޮށް އެއްބަސްވެފައިވީ ނަމަވެސް ކައިވެނި ކުރުމަށްފަހު، ކައިވެނިކުރިކަން އެންސްޕާއަށް ހުރިހާ ފަރާތްތަކުން އަންގަމުން ނުދާ ކަމަށެވެ.

އަދި ކޯޓުތަކުގައި ހުންނަ އެފަދަ މައުލޫމާތު އެއް ވިއުގައަކުން ގުޅިފައިނުވާތީ، އެދެވޭ އަވަސް މިނުގައި އެ މައުލޫމާތު އެންސްޕާއަށް ނުލިބޭކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

"މި އެލެވަންސް ދޭން ނުޖެހޭ ނުވަ ފަރާތަކަށް ޖުމްލަ 93،000 ރުފިޔާ 2020 ވަނަ އަހަރު ދެވިފައިވާކަން ފާހަގަކުރެވުނެވެ. މިކަން މިހެން ދިމާވަނީ ކައިވެންޏާއި ވަރީގެ މައުލޫމާތު ފެމިލީ ކޯޓުން/ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގަވާއިދުން ހޯދާ މި އެލަވަންސް ދޭ ފަރާތްތަކުގެ ސައްހަކަން ބެލުމަށްޓަކައި އިންތިޒާމުތައް ހަމަޖައްސާފައިނުވާތީ،" އޮޑިޓް އޮފީހުން ބުންޏެވެ.

އޮޑިޓް އޮފީހުން ބުނީ، އެ ނުވަ މީހުންނަށް އެލަވަންސް ދިންއިރު އެ މީހުންނަކީ ކައިވެނިކޮށްގެން އުޅޭ މީހުންކަން ފެމިލީ ކޯޓުން ހިއްސާކުރި މައުލޫމާތުން އެނގޭ ކަމަށެވެ.

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި އެހީއަށް އެދޭ ފަރާތަކީ މީހަކާ އިނދެގެން އުޅޭ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ އެ ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެނަމަ ނުވަތަ އެ ފަރާތުގެ މައުލޫމާތު ބަދަލުވެއްޖެނަމަ އަދި ގަވާއިދުގައި ބަޔާންކުރާ ޝަރުތެއް އުނިވެއްޖެނަމަ ނުވަތަ ބަދަލުވެއްޖަނަމަ، އެކަމެއް އެންސްޕާއަށް އަންގަންވާނެ ކަމަށެވެ.

އެހެންވެ އޮޑިޓް އޮފީހުން ވަނީ އެލަވަންސް ދިނުމުގައި އިހުމާލުވާ މުވައްޒަފުން މެދުވެރިކޮށް، ފައިސާ ހޯދައި، ދައުލަތުގެ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރަން އަންގައިފައެވެ. އޮޑިޓް އޮފީހުން ބުނީ ދައުލަތުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތައް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފަކީ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި އެ މުވައްޒަފަކު މައްސަލައަށް އިއުތިރާޒު ކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ މައްސަލައެއް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް އަންގައިފައެވެ.

އަދި ވަނީ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ ލިބޭ ފަރާތެއްގެ ހާލަތު ބަދަލުވުމުން، އެކަން އެންސްޕާއަށް އެނގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް އަންގައިފައެވެ.