ވަކި ބަޔަކަށް ހިދުމަތް ނުދޭން ވ. ފެލިދޫ ކައުންސިލުން ނިންމި ނިންމުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ފެލިދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާތީ، އެ ފައިސާ ނުދައްކާ ފަރާތްތަކަށާއި އެމީހުންގެ އަބިންނާއި ފިރިން އަދި ދަރީންނަށް އެ ކައުންސިލުގެ އެއްވެސް ހިދުމަތެއް ނުދިނުމަށް ނިންމައިފައެވެ. އެ ކައުންސިލުގެ 29 ވަނަ އާންމު ޖަލްސާގައި އެ ނިންމުން ނިންމީ އޭގެ ކުރިން އެ ފައިސާ ދެއްކުމަށް ފަސް ދުވަސް ދީ، އެ މުއްދަތު ހަމަވި އިރުވެސް ފައިސާ ނުދައްކާތީއެވެ.
އެކަމާ ގުޅިގެން މިއަދު އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންމުގެ ގާނޫނުގެ ދަށުން ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ފޯރުކޮށްދިނުމުގައި އަދި ކައުންސިލުން ފޮރުކޮށްދޭން ޖެހޭ ހިދުމަތެއް އެއްވެސް ފަރާތަކަށް ފޮރުކޮށްނުދީ ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
އެހެންކަމުން، އެ ވަކި ބަޔަކަށް ހިދުމަތް ފޯރުކޮށްނުދޭން ނިންމުމުގެ ބާރު ފެލިދޫ ކައުންސިލަށް ނެތް ކަމަށާއި އެކަން އެގޮތަށް އޮތް އިރު ފައިސާ ނުދައްކާ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ހިދުމަތް ނުދިނުމަށް ނިންމި ނިންމުމާމެދު ކަންބޮޑުވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އަދި ގާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން، ކައުންސިލުގެ ނިންމުން ބާތިލު ކުރުމަށް އަންގާފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން، ހޯދަންޖެހޭ ފައިސާ ހޯދަން ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އަންގާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"ހުރިހާ ކައުންސިލަކުންވެސް އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވާ އަދި ކައުންސިލުތަކުން ނިންމަވާ ކަންކަމަކީ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ރައްޔިތުންނަށް ލިބިދެވޭ ހައްގުތަކަށް އުނިކަން ނާންނަނެ ގޮތަށް ނިންމަވާ ނިންމެވުންތަކެއްކަން ކަށަވަރުކުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ." ބަޔާނުގައިވެއެވެ.
އެޗްއާރްސީއެމުން ބުނީ ކައުންސިލްތަކަކީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރާ އަދި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާއަކަށްވާ އިރު، ކައުންސިލުތަކުގެ ނިންމުންތައް ބައްޓަން ކުރަންވާނީ އެ މަގުސަދު ހާސިލުވާ ގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު