އިޒްރޭލަށް ތާއީދުކުރާތީ ކަމަށް ބުނެ ރާޅާ އެޅުންތެރިޔާ އަޒްނިލް އަހުމަދަށް ރޭ ހަމަލާދޭން މަސައްކަތްކޮށްފިއެވެ.

އަޒްނިލް ރޭގެ ވަގުތެއްގައި މާލެ އައުމުން، ބަޔަކު ވަނީ އޭނާއަށް ދިމާކޮށް، ހަޅޭލަވައި، ހަމަލަދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން އަޒްނިލް ހިމާޔަތްދީ ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގޮސްފައެވެ. ގަލޮޅު ޕޮލިސް ސްޓޭޝަން ކައިރީގައި ވެސް ރޭ ވަނީ އަޒްނިލާ ދެކޮޅަށް އަޑުއުފުލައިފައެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން، ހަމާސް އާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. އިޒްރޭލުން ގެންދަނީ ވައިގެ ހަމަލާތަށް ދީ، ގާޒާގެ އާންމު ރައްޔިތުން މަރަމުންނެވެ. އަދި ދަނީ އާންމު ދިރިއުޅޭ ސަރަހައްދުތަކަށާއި ހޮސްޕިޓަލްތަކަށް ވެސް ވައިގެ ހަމަލާދެމުންނެވެ.

އަޒްނިލް އިންސްޓަގްރާމްގެ ބުނެފައިވަނީ، އޭނާ ތާއީދު ކުރަނީ އިޒްރޭލަށް ކަމަށެވެ. އަދި ވަނީ، ހަމާސްއިން، އިޒްރޭލަށް ވަދެ ދިން ހަމަލާ ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އަދި އޭނާ ގެންދިޔައީ، އިޒްރޭލުގެ މީހުން، ހަމާސްއާ ދެކޮޅަށް ކުރާ ޕޯސްޓުތައް ވެސް ޝެއާ ކުރަމުންނެވެ، އޭގެ ތެރޭގައި ރާޅާ އެރުމަށް މީގެ ކުރިން ރާއްޖެ އައިސްފައިވާ އިޒްރޭލު ފަތުރުވެރިންގެ ޕޯސްޓުތައް ވެސް ހިމެނެއެވެ.

ގިނަބައެއްގެ ފާޑު ކިޔުން އަޒްނިލަށް އަމާޒުވުމުން، އޭނާ ވަނީ މާފަށް އެދިފައެވެ. ނަމަވެސް ފަހުން އަނެއްކާވެސް ވަނީ އިޒްރޭލަށް ތާއީދުކުރާކަން ހާމަކޮށް، އިންސްޓްރަގްރާމްގައި ޕޯސްޓުތަކެއް ކޮށްފައެވެ.