ބ. އަތޮޅުގެ، ދަރަވަންދޫ ތިލަ އަދި ބ. އިންނަފުށި ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަހަދެއްގެ ގޮތުގައި އެންވަޔަރުމެންޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެ މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ "ގުދުރަތީ ނުވަތަ ތަބިއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު" ގެ ދަށުން މިއަދުން ފެށިގެން އެ ދެ ސަރަހައްދު ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
ދަރަވަންދޫ ތިލައަކީ ބ. ދަރަވަންދޫގެ ހުޅަނގު ފަރާތުގައި އޮންނަ ގުދުރަތީގޮތުން ރީތި ސިފަތަކެއް ލިބިގެންވާ ތިލައެއް ކަމަށާއި އެތަނަކީ މުރަކަ އާއި ފަރުމަހުގެ ދިރުންތައް ގިނަ ސަރަހައްދަކަށްވުމުން، އެއީ ޑައިވަރުންގެ މެދުގައި މަގުބޫލު ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިތަނުގެ އެންމެ ހާއްސަ އެއް ސިފައަކީ މިތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ ކްލީނިން ސްޓޭޝަން އެއް އިންނަ ކަމެވެ. އަދި މި ތަނުން 2020 ގެ ނިޔަލަށް 521 އެންމަޑި 1672، ފަހަރު ފެނިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވޭ" މިނިސްޓްރީން ބުންޏެވެ.
ބ. އިންނަފުށި ސަރަހައްދަކީ ބ. ފުޅަދޫގެ އިރު އުތުރަށް އޮންނަ ރަށަކާއި ފިނޮޅުތަކަކާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދެކެވެ. އެ ސަރަހައްދުގެ އިރުމަތި ފަރާތުގައި ހިމާޔަތްކޮށްފައިވާ ކޯބިން ރެކް އޮންނަ ސަރަހައްދުގެ އިތުރުން އިންނަފުށި ރަށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނި އާލާވުމަށް ބޭނުން ކުރަމުންދާ ރަށެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސަރަހައްދުގައިވާ ފިނޮޅުތަކަކީ އައިންމަތީ ދޫނީ އަރާމުކޮށްލުމަށާއި ބިސް އެޅުމަށްވެސް ބޭނުންކުރާ މާހައުލެއް ކަމަށެވެ. އަދި އިންނަފުށި ސަރަހައްދުގެ އޮއެވަރު ދެމެހެއްޓުމަށް އެ ފިނޮޅުތަކަށް ބަދަލު ނުގެނެސް ހިމާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އިންނަފުއްޓާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ މުރަކައިގެ ގިނަ ބާވަތްތަކެއް އުފެދިފައިވާ އަދި މަސްމަހާމެހިން މުއްސަނދި ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންނަފުއްޓަކީ 2017 ވަނަ އަހަރު ރިސޯޓު ހަދަން ކުއްޔަށް ދޫކުރި ރަށެކެވެ. އެ ރަށް ކުއްޔަށް ދޫކޮށްފައިވަނީ ސީމާކް ޕްރައިވެޓް ލިމިޓެޑަށެވެ. ނަމަވެސް 2019 ޖޫން 24 ގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އިންނަފުށީގައި ރިސޯޓު ހެދުމުގެ މަސައްކަތް މަޑުޖައްސާލުމަށް އަންގައިފައެވެ. އެގޮތަށް އެންގީ އެއީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށަކަށްވުމުންނެވެ.
އެރަށް އޮންނަ ސަރަހައްދު، ބަޔޮސްފިއާ ރިޒާވާ އެކު، މުޅި ސަރަހައްދު ނެޗުރަލް ރިޒާވަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
- ތެޔޮ ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާ ކުރުމާއި މައިން ކުރުން
- އެއްވެސް ބާވަތެއްގެ ކުނި އެޅުން
- ބިން ހިއްކުމާއި ފަޅު ފުންކުރުން
- ގައު، ވެލި، މުރަކަ، އަކިރި ނެގުން
- ނަގިލިލުން
- އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމުކުރުން
- އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ/ ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން
- އެކުއާކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތްކުރުން
- ދެމެހެއްޓެނެވި ގޮތެއްގައި ކުރާ އެންވެރިކަން ފިޔަވައި އެއްވެސް އެއްޗެއް/ ދިރުމެއް ނެގުން، މެރުން، ގޯނާކުރުން ނުވަތަ ހިފުން
- އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ/ ހާއްޔަށް ގެއްލުން ދިނުން
- އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުން
- މަސްމަހާމެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން
- އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން
- މިތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުން
- މި ސަރަހައްދުގައިވާ ފިނޮޅުގައި އަލިފާން ރޯކުރުން
- ހަވީރު 5.30 އާއި ހެނދުނު 6:30 އާ ދެމެދު ފިނޮޅަށް އެރުން
- ދޫނި ބިސްއަޅާ މޫސުމުގައި މި ސަރަހައްދުގައިވާ ފިނޮޅަށް ޒިޔާރަތްކުރުން
- ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރުން މަނާކޮށްފައިވާ ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި އާއްމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުން
- ތިމާވެއްޓާ ރައްޓެހި ޓޫރިޒަމްގެ މަސައްކަތެއް ކުރުން
- ދިރާސާކުރުން
- ރެސްޓޮރޭޝަން ނުވަތަ ރީހެބިލިޓޭޝަންގެ ބޭނުމަށް އެއްވެސް ކަމެއް ކުރުން
ޚަބަރު
ޚަބަރު
ޚަބަރު