ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

އެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭންކުން ވަނީ މިރޭ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ހިދުމަތްކޮށްފައިވާ 64 މުވައްޒަފަކަށް އެވޯޑު ދީފައިވެއެވެ.

ހަފުލާގައި ބޭންކަށް 40 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން 35 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓާސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަރު އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއާ އޮފިސަރު އައިމިނަތު ނަސީރުގެ ވެސް ވަނީ އަގުވަޒަންކޮށްފައެވެ.

މި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މުވައްޒަފުންނަކީ ކާމިޔާބީގެ މުހިންމު ބައެއް ކަމަށާއި އެހެންކަމުން ފާއިތުވި އަހަރުތަކުގައި ހީވާގިކަމާއެކު ކޮށްދިން ބުރަ މަސައްކަތަށް ކޮންމެ މުވައްޒަފަކަށްވެސް ވަކިވަކިން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިރޭ އެކަން ފާހަގަ ކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދީފައިވާ އެއް ކުންފުނި ކަމަށެވެ. އެގޮތުން ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން ކަމަށެވެ.

އޭގެ އިތުރުން ބޭންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރު ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތައް ކަމަށްވެސް ބުންޏެވެ.