ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ އެއް ގައުމު ކަމަށްވާ، އިންޑިއާއިން ފިޔާ ލިބުން ދަތިވެ، ބާޒާރުގައި ފިޔާ ބަސްތާއެއް ވިއްކާ އަގު 400 ރުފިޔާއަށް އުފުލިއްޖެއެވެ.

ރާއްޖެއަށް ފިޔާ އެތެރެކޮށް ހޯލްސޭލްކޮށް ވިއްކާ އެއް ފިހާރަ، މުޑުވާލި ޓްރޭޑްގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، މި އަހަރުގެ މެދުތެރެއިން ފެށިގެން އިންޑިއާއިން ފިޔާ ލިބުން ދަތިވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރިން 15 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއް މިހާރު ވިއްކަމުންދަނީ 18 ރުފިޔާއަށް ކަމަށް ބުންޏެވެ. އެ އަގު 25 ރުފިޔާއަށް އުފުލިދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، 25 ކިލޯގެ ފިޔާ ބަސްތާއެއް އެ ފިހާރައިން މިހާރު ވިއްކަމުންދަނީ 350-395 ރުފިޔާއާ ދޭތެރޭގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިޔާ ބަސްތާއެއްގެ އަގު 400-450 ރުފިޔާއާ ދޭތެރޭގެ އަގެއްގައިވެސް ވިއްކަން ޖެހިދާނެ ކަމަށް ވިދާޅުވިއެވެ.

ހޯލްސޭލްކޮށް ފިޔާ ފިހާރަތަކުން އަގުބޮޑުކޮށް ފިޔާ ވިއްކަމުންދިޔަ ނަމަވެސް އެސްޓީއޯއިން އަދިވެސް ފިޔާ ވިއްކަމުންދަނީ 18 ރުފިޔާއަށެވެ.

އެސްޓީއޯގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، މިހާރު ބާޒާރުމަތީގައި ފިޔާގެ އަގު އުފުލެމުންދާކަން ފާހަގަކުރެވިފައިވާތީ އެކަން ހަފުތާއެއްހާ ދުވަހަށް ބަލަމުންދާ ކަމަށެވެ. އެއަށްފަހު އެ އަގު ކޮންޓްރޯލް ކުރުމަށް، އެ ކުންފުނިން ރާއްޖެއަށް ފިޔާ އެތެރެކޮށް ވިއްކަން ފަށާނެ ކަމަށް ވިދާޅުވިއެވެ.