އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލުވާ ވުޒާރާއެއް އެ މަނިކުފާނުގެ ކެބިނެޓުގައި ހިމެނޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) ގުޅިގެން ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ކޮންސްޓްރަކްޝަން ސިނާއަތަކީ ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު ސިނާއަތް ނަމަވެސް އެ ސިނާއަތަށް ދޭންވާ އަހަންމިއްޔަތުކަން ދީފައިނުވާ ކަމަށާއި މިހާރަށް ވުރެ ގިނަ ކަންކަން އެ ސިނާއަތަށް ކޮށްދެވެން އެބަހުރި ކަމަށެވެ.
"ކޮންސްޓްރަކްޝަން އިންޑަސްޓްރީ، އަބަދުވެސް ކޮންމެވެސް ވުޒާރާއެއްގެ ތެރެއަށް ލެވިފައި، ފޮރުވިފައި އެބައޮވޭ. އެހެން ނަމަވެސް، ބޭރަށް ނެރެ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލުވާ ގޮތަށް ވުޒާރާއެއް ގާއިމުކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ހިއްސާވާ ވުޒާރާއެއް ގާއިމްކުރުމުން ބޭރުގެ ގައުމުތަކުން ހޯދަން ޖެހޭ އެހީތެރިކަން ހޯދުމުގައި ވެސް ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމަށެވެ.
މުއިއްޒު ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން އެމަނިކުފާނަށް ދެމުންދާ އެއްބާރުލުން ފާހަގަކުރަައްވައި ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު