ގާޒާއަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސްޓާލިންކު ހިދުމަތް ދިނުމަށް ނިންމައިފިއެވެ.

އެލަން މަސްކު ވަނީ ސްޕޭސް އެކްސްގެ ސްޓާލިންކުން ގާޒާއަށް އެހީވުމުގައި ބައިވެރިވާ ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާތަކަށް ހިދުމަތް ދިނުމަށް ނިންމާފައިވާކަން އިއުލާނުކުރައްވައި، ޓުވީޓެއް ކުރައްވައިފައެވެ.

މަސްކު ވަނީ ސްޓާލިންކުގެ ހިދުމަތަށް އެދިފައިވާ އެއްވެސް ފަރާތަކުން ގާޒާގައި އެކަން ކުރަން އެދިފައިވާ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް ހިދުމަތް ދިނުމަށް ނިންމެވީ ކަމަށް ވެސް ވިދާޅުވިއެވެ.

އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސިފައިން ފަލަސްތީނަށް އަރައިގަތުމަށް ވައިގެ މަގުން ފެށި އޮޕަރޭޝަނުގެ އިރުކޮޅެއް ކުރިން ވަނީ ގާޒާގެ އިންޓަނެޓާއި ކޮމިޔުނިކޭޝަން ހުރިހާ ހިދުމަތެއް ކަނޑާލާފައެވެ. މީގެ އިތުރުން މުޅި ގާޒާއިން ކަރަންޓު ކަނޑާލައިފައިވާ ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާތަކުން ވަނީ ގާޒާގައި ހަރަކާތްތެރިވާ އެ އިދާރާތަކުގެ މުވައްޒަފުންނާ ގުޅުން ކެނޑިފައިވާ ކަމަށް ބުނެ އިސްރާއީލުގެ އަމަލުތަކަށް ފާޑުކިޔަން ފަށާފައެވެ.