އަމިއްލަ ވަޓްސްއެޕް އެކައުންޓަކާއި ވިޔަފާރީގެ ދެ އެކައުންޓެއް ގެންގުޅޭ ނަމަ ކުރިން ދެ ފޯނު ގެންގުޅެންޖެހެއެވެ. ވަޓްސްއެޕްގެ ވިޔަފާރި އެޕްލިކޭސަން އަޅައިގެންވެސް ގިނަ މީހުން ތިބެނީ 'ވާނުވާ'ގައެވެ. ނަމަވެސް މިހާރު އެކަން މިއޮތީ ފަސޭހަވެފައެވެ. މިހާރު ދެ ފޯނު ގެންގުޅޭކަށް ނުޖެހޭނެއެވެ. ދެވަނަ ފޯނު ނަންބަރެއް ނުވަތަ އީސިމް ނުވަތަ ޑައުއަލް/މަލްޓިޕަލް ސިމަށް ސަޕޯޓްކުރާ ފޯނެއް އޮތްހާ ހިނދަކު، އެންމެ ފަހުން ވަޓްސްއެޕްއަކުން ދެ ފޯނު ނަންބަރު ހިމެނޭ ދެ އެކައުންޓް އިތުރު ކުރެވޭނެއެވެ.

އެއް އެކައުންޓުން އަނެއް އެކައުންޓަށް ވަދެވޭނެ ގޮތަށް އެއް އެކައުންޓުން ލޮގްއައުޓް ވާކަށްވެސް ނުޖެހޭނެއެވެ. އެއްފަހަރާ ދެ އެކައުންޓަކަށް ވަދެވޭނެ ގޮތް ހެދުމަށް އެޕްގެ ސެޓިންސް ޕޭޖަށް ގޮސް ނަމުގެ ކައިރީގައިވާ ތިރިއަށް ފިތާލުމުން "އެޑް އެކައުންޓް" އޮޕްޝަން ފެންނާނެއެވެ. ކޮންމެ އެކައުންޓެއްގައިވެސް އަމިއްލަ ޕްރައިވެސީއާއި ނޮޓިފިކޭޝަން ސެޓިންގްސް ހުންނަ ކަމުން އަނެއް އެކައުންޓުން އެލާޓް ނުލިބި އެއް އެކައުންޓުން އެލާޓް ލިބުން އިހުތިޔާރު ކުރެވޭނެއެވެ. މިއީ ޗުއްޓީގައި ހުރެގެން މަސައްކަތުން ނުވަތަ ވިޔަފާރީގެ ވާހަކަ އަޑުއަހަން ދުވަސްކޮޅަކަށް ބޭނުން ނުވާ ނަމަ އެކަންވެސް ކުރެވޭނެ ފަސޭހަ އަދި ބޭނުންތެރި ކަމެކެވެ.

މި އާ ފީޗާއަކީ މި އަހަރުގެ ކުރީކޮޅު ކުރި ޓެސްޓްތަކަށްފަހު ނެރުނު އަޕްޑޭޓާ އެކު ގިނަ ޑިވައިސްތަކެއްގައި އެކައުންޓަށް ވަދެވޭނެ ގާބިލުކަން ލިބިގެންދިޔަ ފީޗާއެކެވެ. ވަޓްސްއެޕް ކުރިން އެކައުންޓް އެކްސެސްއަށް ބަލާއިރު ވަރަށް ހަރުކަށިކޮށް އެއް ފޯނެއްގައި އެއް އެކައުންޓަށް ލިމިޓް ކުރިއެވެ. ނަމަވެސް 2021 ވަނަ އަހަރު މަލްޓި ޑިވައިސް ފަންކްޝަނަލިޓީ ގެނެސް އެކަން ނިމުމަކަށް ގެނައެވެ.

އަދި މި އަހަރުގެ އޭޕްރީލް މަހު ހަތަރު ފޯނާއި ހަމައަށް އެއް އެކައުންޓް ސިންކް ކުރުމުގެ ގާބިލުކަން ތައާރަފު ކުރިއެވެ. ކަންކަން ހިފަހައްޓައިގެން ތިބުން ދޫކޮށް ދިރިއުޅުމުގެ އެކި ކަންކަން ކުރަން ފަސޭހަވެދާނެ ހުރިހާ ކަމެއް މި ދަނީ ފަސޭހަވެ ފަހިވަމުންނެވެ.