ފަލަސްތީނުން 6،500 މީހުން މަރުވި ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން އެހެން ވިދާޅުވީ ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. އެ ނޫސްވެރިޔާ ވަނީ ގާޒާއިން 2،700 ކުޑަކުދިން މަރިވެފައިވާ އިރު، އެއީ ހަނގުރާމައިގައި އާންމު ރައްޔިތުންގެ މަރުތައް މަދުކުރުމަށް އެމެރިކާއިން ގޮވާލި ގޮވާލުމަށް އިޒްރޭލުން އިޖާބަ ނުދޭ ކަމުގެ ހެއްކެއް ކަމަށް ގަބޫލު ކުރައްވާތޯ ބައިޑެންއާ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ބައިޑެން ވިދާޅުވީ ފަލަސްތީނުން ދޭ މަރުވި މީހުންގެ އަދަދަކީ ތެދެއް ކަމެއް އޭނާއަށް އެނގިނުލައްވާ ކަމަށެވެ. އަދި އެ ހަނގުރަމައިގައި އާންމު އެތައް ރައްޔިތުން މަރުވެއްޖެ ކަމަށް ގަބޫލުކުރައްވާ ނަމަވެސް، އެއީ ހަނގުރާމައެއް ފެށުމުގެ އަގު ކަމަށް ބައިޑެން ވިދާޅުވިއެވެ.

"އެކަމަކު ފަލަސްތީނު މީހުން ބޭނުންކުރާ ނަމްބަރާ މެދު އަހަންނަށް އެއްވެސް އިތުބާރެއް ނެތް،" ބައިޑެން ވިދާޅުވިއެވެ.

ބައިޑެން މިހެން ވިދާޅުވެފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 6،500 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމެރިކާއިން މީގެ ކުރިން ވަނީ އިޒްރޭލުން ބޮން އެޅި ހޮސްޕިޓަލުގައި މަރުވި މީހުންގެ އަދަދާމެދުވެސް ސުވާލުކޮށްފައެވެ. އެ ހަމަލާގައި 500 އެއްހާ މީހުން މަރުވި ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނި ނަމަވެސް އެމެރިކާއިން ބުނަނީ އެ ތަނުން މީހުން މަރުވި ކަމަށް ލަފާ ކުރެވެނީ 100 އާއި 300 އާ ދެމެދުގެ އަދަދެއްގެ މީހުން ކަމަށެވެ.