ހުޅުމާލެ ފޭސް ތިނަކުން މި ދައުރުގައި ގޯތި ދޫކޮށް ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.
"ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަކުރަމް ވިދާޅުވީ މި ދައުރުގެ ތެރޭގައި ފޭސް ތިނަކުން ދޭ ގޯތިތަކަށް ރަޖިސްޓްރީ ހަވާލު ކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް ނުދެއްވައެވެ.
އަކްރަމް މިހެން ވިދާޅުވި އިރު، ފޭސް ތިން ހިއްކުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން ފޭސް ތިނެއްގެ ފުރަތަމަ ބައި ހިއްކާ ނިންމައި ދެވަނަ ބައި ހިއްކަން މިހާރު ވަނީ ފަށައިފައެވެ. ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ.
ފޭސް ތިނެއްގެ ފުރަތަމަ ބައިގައި ހިއްކާފައި ވަނީ 10 ހެކްޓަރުގެ ސަރަހައްދެކެވެ.
ހުޅުމާލޭގެ ހުޅަނގަށް އޮންނަ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކަން ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގައެވެ. އެކުންފުންޏަށް ވަނީ ހުޅުމާލޭ ފަޅުގެ އިތުރުން ތިލަފުށިން އިތުރު ބަޔަކާއި ދިޔަނެރު ފަޅު ވެސް ހިއްކަން ހަވާލުކޮށްފައެވެ.
މާލޭ މީހުންނަށް ގޯތި ދޭން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ތިނަކުން 700 ގޯތި ދޫކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 4،000 އަކަފޫޓުގެ 24 ގޯއްޗާއި 3،650 އަކަފޫޓުގެ 16 ގޯއްޗާއި 3،250 އަކަފޫޓުގެ 43 ގޯއްޗާއި 2،850 އަކަފޫޓުގެ 61 ގޯއްޗާއި 2،450 އަކަފޫޓުގެ 132 ގޯތީގެ އިތުރުން 2،060 އަކަފޫޓުގެ 243 ގޯތި އަދި 1،650 އަކަފޫޓުގެ 181 ގޯއްޗެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރަން ހިންގާ "ބިންވެރިޔާ' ސްކީމާއި ފްލެޓު ދޭން ހިންގާ 'ގެދޮރުވެރިޔާ' ސްކީމުގެ ދެ ވަނަ ބުރުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހަމަވެފައިވާ އިރު، ގޯއްޗާއި ފެލްޓަށް އެދުނު މީހުންގެ ލިސްޓު އިވެލުއޭޓު ކުރުމަށް ފަހު ފައިނަލް ލިސްޓު ނެރޭވެ ދުވަހަކާ ގުޅިގެން އަކުރަމް ވިދާޅުވީ ލިސްޓު ނެރެވޭނެ ވަކި ދުވަހެއް އަދި އެނގިނުލައްވާ ކަމަށެވެ.
އިއްޔެގެ ނިޔަލަށް އެ ސްކީމުތަކުގެ ދަށުން ގޯއްޗަށް އެދި 19،347 ފޯމު ހުށަހަޅާފައިވާ އިރު ފްލެޓަށް އެދި 21،247 ފޯމު ހުށަހަޅާފައިވެއެވެ. ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރުގެ ދަށުން 4000 އަށްވުރެ ގިނަ ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 8،000 ފްލެޓް ދޭން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު