އަންނަ އަހަރުން ފެށިގެން ބާ ކައުންސިލުން އިމްތިހާނުކުރާ ދާއިރާތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ބާ ކައުންސިލުގެ އިމްތިހާނު އިއްޔެ ބޭއްވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ކައުންސިލުން ބުނީ މި އަހަރުގެ އިމްތިހާނު ފަރުމާ ކޮށްފައި ވަނީ އެ ކައުންސިލާއި އިނގިރޭސި ވިލާތުގެ ސޮލިސިޓާސް އިމްތިހާނު ފަރުމާ ކުރާ ކެޕްލާން ފައިނޭންޝަލް ލިމިޓެޑްއާ ގުޅިގެން ކަމަށެވެ. މި އަހަރުގެ އިމްތިހާނުގައި ހިމެނެނީ އިނގިރޭސި އަދި ދިވެހިން ބަހުން ތައްޔާރުކޮށްފައި ހުރި 120 މަލްޓިޕްލް ޗޮއިސް ސުވާލު ކަމަށާއި އެ ސުވާލުތައް އަމާޒުކުރެވިފައި ވަނީ މައިގަނޑު 6 ދާއިރައަކުން ކަމަށް ބުންޏެވެ.
ނަމަވެސް އަންނަ އަހަރުން ފެށިގެން އިމްތިހާނު ކުރެވޭ ދާއިރާތަކަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ. އެގޮތުން، އަންނަ އަހަރުން ފެށިގެން އިމްތިހާނުގެ ސިލަބަސް ބައްޓަން ކުރާނީ 2020ގައި ޝާއިރުކޮށްފައިވާ ދިވެހި ރާއްޖޭގެ ފުރަތަމަ "ލީގަލް އެޑިއުކޭޝަން މިނިމަން ސްޓެންޑަޑްސް" އާ އެއްގޮތައް ކަމަށް ބުންޏެވެ.
ހޮނިހިރު ދުވަހު މާލޭގައި ބޭއްވި އިމްތިހާނުގައި 149 މީހަކު ބައިވެރިވެފައި ވެއެވެ. އެ އިމްތިހާނުގައި 150 މީހުން އިމްތިހާނު ހަދަން އިންތިޒާމު ކުރި ނަމަވެސް އެއް ކެންޑިޑޭޓަކަށް ހާޒިރުވެވިފައި ނުވާ ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި 2 މީހަކުގެ ސިއްހީ ހާލަތަށް ބަލައި، ސްޕެޝަލް އެކޮމޮޑޭޝަން ހަމަޖެއްސި ކަމަށް ބުންޏެވެ.
މިދިޔަ އަހަރު އެ އިމްތިހާނު މާލެއާއި އައްޑޫގައި ބާއްވާފައި ވެއެވެ. ނަމަވެސް މި އަހަރު އެޕްލިކޭޝަން ތަކަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އިތުރު ސަރަހައްދުތަކުގައި އިމްތިހާނު އިންތިޒާމު ނުކުރެވުނީ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު