މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރުު މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް/އެކްސްޕޯޓުން ލިބިފައިވަނީ 350 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ދިހަ މިލިއަން ރުފިޔާ އިތުރަށް ލިބިފައެވެ. އެހެންކަމުން އެއީ ތިން ޕަސަންޓުގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓްވެސް އަދި އެކްސްޕޯޓްސްވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން 149 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު މިއަހަރު އެކްސްޕޯޓްކޮށްފައިވަނީ 86 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ 43 ޕަސަންޓުގެ ވެއްޓުމެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު މި އަހަރު އެތެރެކޮށްފައިވަނީ 4.3 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ ތިން ޕަސަންޓުގެ ވެއްޓުމެވެ.

ސެޕްޓެމްބަރު މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. އަދި އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ، ތައިލެންޑާއި، އިނގިރޭސިވިލާތާއި ފަރެންސޭސި ވިލާތާއި ޖަރުމަނު ވިލާތުގެ އިތުރުން އިންޑިއާއަށެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރޯޔަލްޓީގެ ގޮތުގައި މިދިޔަ މަހު 954،259 ރުފިޔާ ލިބިފައިވެއެވެ.