ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2023 ކޯޗިން ޕާޓްނަރެއް ކަމަށްވާ އެލީޓް ރަނާސް މޯލްޑިވްސްއާ އެކު ދިރާގުން ހާއްސަ ދުވުމުގެ ކްލިނިކެއް ބާއްވަން ނިންމައިފިއެވެ.
ރިރާގުން އިއްޔެ ބުނީ މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބައިވެރިންނަށް ހުޅުވާލައިގެން ކުރިއަށްދާ މި އިވެންޓް އޮންނާނީ މާދަމާ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކްގައި ކަމަށެވެ.
އެގޮތުން މި ކްލިނިކްއިން ކުރިއަށް އޮތް ދުވުމަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ އިރުޝާދުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް https://bit.ly/3M8ThBT މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން، ޑީއެމްއާރްއާރް 2023 ގެ މެޑިކަލް ޕާޓްނަރު، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހާއްސަ ސެގްމަންޓެއްވެސް ކުރިއަށްދާނެއެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު، ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދޭނެއެވެ.
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ސްޕޯޓްސް އެކެޑަމީ، ސާއިދު ސްޕޯޓްސް އާއެކު ކުޑަކުދިންނަށް ހާއްސަ ރަނިން ކްލިނިކެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ވެސް ދިރާގުން ވަނީ ނިންމައިފައެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ބައިވެރިވި 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ސްކޫލް ފަސް ކިލޯމީޓަރު ކެޓެގަރީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ރަނިން ކްލިނިކް ބާއްވާނީ އަންނަ އާދީއްތަ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކުގައެވެ.
މި އަހަރުގެ ރޯޑް ރޭސް ކުރިއަށްދާނީ މިމަހުގެ 27 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މިއީ ދިވެހިރާއްޖޭގައި ދުވުމުގެ ސަގާފަތް ގާއިމުކުރި، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ.
ހަތަރުހާހަށްވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ދުވުންތެރިންނަށް ލިބިގެންދާނެއެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން ފަސް ކިލޯމީޓަރު އަދި ދިހަ ކިލޯމީޓަރު ދުވުންވެސް އޮންނާނެއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އަދި މިއީ ވާލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު