މީޑިއާ ލިޓްރޭސީއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޓެކްނޮލޮޖީގެ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި ހައްލު ހޯދުމަށް ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި) އާ ގުޅިގެން ވިމެން އިން ޓެކް އިން ހެކަތޮންއެއް ބާއްވަން ނިންމައިފިއެވެއެވެ.

ވިމެން އިން ޓެކް އިން މިއަދު ބުނީ މި ހެކަތޮންގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މާހައުލާ ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދައި، އާ އަދި އިނޮވޭޓިވް ހިޔާލުތައް ދެނެގަތުން ކަމަށެވެ.

ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު ބާއްވާ މި ހެކަތޮން އޮންނާނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހު ހުޅުމާލޭ ވޯޓާސް އެޖްގައެވެ. "ޑީބަންކަތޯން" ގެ ނަމުގައި ކުރިއަށްގެންދާ މި ހެކަތޮން އަކީ ރާއްޖޭގައި މުޅިން އަލަށް، 24 ގަޑިއިރަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހެކަތޮންއެއް ކަމަށް ވިމެން އިން ޓެކް އިން ބުންޏެވެ.

މި މުބާރާތުން މޮޅުވާ ޓީމް ތައްޔާރު ކުރާ ޕްރޮޓޯޓައިޕް ނިންމުމަށް 8،000 ޑޮލަރުގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިމެން އިން ޓެކް އިން ބުންޏެވެ.

މި ހެކަތޮން ބޭއްވުމުގެ ކުރިން ޑިވެލޮޕަރުންނާއި އިނޮވޭޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދެ ގަޑިއިރުގެ އިންޓަރެކްޓިވް ޕްރީ ހެކަތޮން ވޯކްޝޮޕެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ

ވިމެން އިން ޓެކް އިން ބުނީ އުއްމީދު ކުރަނީ އިނޮވޭޓަރުންނާއި މައްސަލަ ހައްލުކުރާ ފަރާތްތަކާއި ތެދު މައުލޫމާތަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ގެނެސް، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި އާ، އިނޮވޭޓިވް އެޕްރޯޗްތައް ދެނެގަނެ، ތަރައްގީ ކުރުން ކަމަށެވެ.

ވިމެން އިން ޓެކް އިން ބުނީ މި ހެކަތޮންގައި ތިނެއް ނުވަތަ ފަސް މެންބަރުންގެ ޓީމްތަކުގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީވާ ޓީމުތަކުގެ ތެރެއިން ފަސް ޓީމެއް މި ހެކަތޮންގައި ވާދަކުރުމަށް ހޮވާނެއެވެ. އަދި ޕްރީ ހެކަތޮންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން [އޮންލައިން ފޯމް](https://forms.gle/NVcxYEGBp2f9AnTx8) ފުރިހަމަ ކުރުމުން ބައިވެރިވެވޭނެއެވެ.