ކޮވިޑުގެ ބަލިމަޑުކަމާއެކު މުޅި ރާއްޖެ ބަންދުވެ، ލޮކްޑައުން ކުރި ޒަމާނެވެ. މާ ގިނައިން ބޭރަށް ނުދިޔަ ނަމަވެސް، ގޭ ބަންދުގައި އިންނަން ޖެހުންވީ ތެލެސީމިއާ ޕޭޝަންޓެއް ކަމަށްވާ އައިމިނަތު ރީޝާ (ނާނި) އަށް ފޫހި ކަމަކަށެވެ. ވިސްނުންތަކަށް ގެނބި، ހާސްކަން އިތުރުވި ދުވަސްތަކެކެވެ. ވަޒީފާއެއްގައި ނެތުމުން ކުރާނެ އިތުރު މަސައްކަތެއްވެސް ނެތަތީއެވެ.
ނަމަވެސް އެ ދުވަސްތައް ވެގެން ދިޔައީ ނާނި މިއަދުގެ ކާމިޔާބީއަށެވެ. މިހާރު އުމުރުން 33 އަހަރުގެ ނާނިގެ މިސްރާބު ބަދަލުކޮށްލި ސަމުގާއަށެވެ. ފޮރުވިފައި ހުރި ހުނަރުތައް ނެރެ، ހާމަކޮށް ޓެސްޓު ކޮށްލަން ލިބުނު ފުރުސަތަކަށެވެ. އަމިއްލަ ފައި މައްޗަށް ތެދުވާން ލިބުނު ހިތްވަރަކަށެވެ. އެގޮތުން އަތްތެރި ކަވި މަސައްކަތަކީ ނާނިގެ ހުނަރެކެވެ. ހާއްސަކޮށް ވޫލު ބޭނުންކޮށްގެން ކުދިކުދި އެއްޗެހި ހެދުމަކީ ސްކޫލު ދައުރުން ފެށިގެން އޭނާގެ ހޮބީއެވެ.
"ލޮކްޑައުން ތެރޭ ކްރާފްޓް މަސައްކަތް ކުރާހިތްވީ. ވޫލުން ސޮފްޓް ޓޯއީޒް ހަދަނީ. މައިންކްރާފްޓްގައި ހުންނަ ކަހަލަ ކުދިކުދި އެއްޗެހި. ބެއާސް، ޕެންޑާސް، ވަރަށްކުރާ ހިތްްވޭ ކަވި މަސައްްކަތް އަބަދުވެސް. އެހެންވެ ލޮކްޑައުންގައި ގޭތެރޭ އިނދެ ކުރާ ހިއްވި ކަމެއްމީ" ރީޝާ ބުންޏެވެ.
ކޮވިޑުގައި ގޭ ބަންދުގައި ހޭދަކުރި ދުވަސްތައް އޭނާ ހުސްކުރީ އެ ހުނަރު ފައްކާ ކުރުމަށެވެ. ވޫލުން ކުދި ސޮފްޓް ޓޯއީޒް ހަދައި އިންސްޓަގުރާމަށް އަޅަން ފެށިއެވެ. އޭނާގެ ހިތްވަރަކަށްވީ ގިނަ ބަޔަކަށް އެ އެއްޗެހި ކަމުގޮސް ގަންނަން ބޭނުންވެގެން އޯޑަރު އައުމެވެ. މިއަދު ނާނިއަށް ކައިވެނި ހަފުލާތަކުގެ ބެކްޑްރޮޕް ހަދަންވެސް ފުރުސަތު ލިބެއެވެ. އެގޮތުން ތިން ކައިވެނި ހަފުލާއެއްގައި މެކްރޭމް ބެކްގްރައުންޑެއް އޭނާ ވަނީ ހަދައިފައެވެ.
ނާނި ބުނި ގޮތުގައި، ރާއްޖެއިން ވޫލް ގަންނަން ލިބޭ އަގުތަކާއި ބޭރުން އޯޑަރު ކޮށްގެން ގެންނަަ އަގުތަކާއި ބޮޑުތަނުުން އަގު ތަފާތެވެ. އެހެންކަމުން އެއްޗެއް ހަދަންދާ ހަރަދު ބޮޑެވެ. ނަމަވެސް މިއީ އޭނާގެ ހިތްހަމަޖެހުމެވެ. އެހެންވެ ހަދާ އެއްޗެހި އަގުބޮޑުކޮށް ވިސްނުމެއްވެސް ނުހުރެއެވެ. ބޭނުމަކީ ބަޔަކަށް އޭގެން އުފަލެއް ހޯދައިދިނުމެވެ. ކުރާ މަސައްކަތުން ހަދާ އެއްޗަށް ނުބައްދަލު އަގު ލިބުނަސް ފަރުވާލެއް ނެތެވެ.
ނާނިގެ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ވޫލުން ފަލަސްތީންގެ ދިދަ ހަދައި، ތަޅުދަނޑިފަތީގައިލާ އެއްޗެހި ހެދުމެވެ. ބޭނުމަކީ އޭނާއަށް ދެއްވި ހުނަރުން އެހީއަށް ބޭނުންވެފައި ތިބި ބަޔަކަށް އެހީވުމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ހޯދުމަށެވެ. ހާއްސަކޮށް ގެދޮރު ގެއްލި، ހާލުގައި ޖެހެމުންދާ ކުޑަކުދިންނަށެވެ. ރެއާއި ދުވާލު އޭނާ އެ މަސައްކަތުގައި ހޭދަކުރަމުންދާއިރު، އަޒުމަކީ ބޮޑު އަދަދަކުން އެހީވުމެވެ. އެ ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަން ނިންމާފައިވަނީވެސް ފަލަސްތީނަށެވެ.
"މިހާރު މި އުޅެނީ ފަލަސްތީން ކުދިންނަށް އެހީވާން. ވަރަށް ބޭނުން ބޮޑު އަދަދަކުން އެހީވާން. އެކަމަކު އަދި އެހާ ވަރަކަށް އެކެއް ނުވޭ. އެހެންވެ އިތުރަށް މަސައްކަތް މި ކުރަނީ. މިހާރު ހަދަނީ ކީޗެއިން. 35 ރުފިޔާއަށް މި ވިއްކަނީ. އެންމެންނަށްވެސް ގަނެވޭ އަގައެއްގައި މި ވިއްކަނީ،" ނާނި ބުންޏެވެ.
ކީޗެއިން އޯޑަރު ކުރަން ބޭނުންވާ ނަމަ 9359388 އަށް ވައިބާ ކުރެވޭނެއެވެ.
ނާނި ބުނި ގޮތުގައި، އޭނާގެ މި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ދެނީ ފިރިމީހާއާއި އާއިލާއެވެ. ހާއްސަކޮށް ދޮންތަ ސާނާއެވެ. އޭނާގެ އެދުމަކީ ވޫލް ވިޔެގެން ކުރާ މަސައްކަތް ފުޅާކުރުމެވެ. އިތުރު ހަރުފަތަކަށް ގެންދިއުމެވެ. ދިވެހިންގެ އުފެއްދުންތައް ދިވެހިން ގަތުމެވެ. ހާއްސަކޮށް ގޭގައި ތިބޭ އަންހެނުން ކުރާ މަސައްކަތް މުޖުތަމައު ބަލައިގަނެ، ހިތްވަރު ދިނުމެވެ.
ލޭ އެޅިޔަސް ނާނި މި ދައްކައިދެނީ ގަދަ ހިތްވަރެކެވެ. އެ ދައްކައިދެނީ ތެލެސީމިއާ ޕޭޝަންޓެއް ވިޔަސް ކޮންމެ މަސައްކަތެއްވެސް ކުރެވޭނެ ކަމެވެ. ބޭނުންވަނީ ހިތްވަރެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް