މާލޭގައި ސީއެޗްއެސްސީ ކުރިން ހިންގި އިމާރާތް އަމީނިއްޔާ ސްކޫލަށްދީ، އެ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރަން ނިންމައިފިއެވެ.

ރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލް ކަމަށްވާ ސީއެޗްއެސްއީގެ އާ އިމާރާތް މިދިޔަ އަޮގަސްޓް މަހުން ފެށިގެން ބޭނުންކުރުން ހުއްޓާލާފައިވާއިރު، އެ ސްކޫލް މިހާރު ހިންގަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ސީއެޗްއެސްސީގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދޭން ނިންމާފައިވާ ކަމަށެވެ. އެއަށްފަހު އެތަން މަރާމާތު ކުރުމަށްފަހު އަމީނިއްޔާ ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އަމީނިއްޔާ ސްކޫލު އެއްދަންފަޅިއަށް ބަދަލުކުރާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.

މާލެ ސަރަހައްދުގައި މިވަގުތު އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކީ ވިލިމާލޭގައި ހުންނަ މުހިއްޔިއްދީން ސްކޫލާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލާއި މާލޭގައި އިއްޒުއްދީން ސްކޫލުގެ އިތުރުން ދަރުމަވަންތަ ސްކޫލެވެ.