ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ރީސައިކަލް ކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓް ކޮށްފައިވާ އާ ކާޑު ރޭންޖެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން އެ ކާޑުތަކުގެ ޒަރިއްޔާއިން ދައްކުވައިދިނުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ރީތި، ނަމަވެސް ނާޒުކު ވެށި ހިމާޔަތް ކުރުމަށް ކަސްޓަމަރުން މެދުގައި ޒިންމާދާރުކަމުގެ އިހުސާސް އުފެއްދުމަށް އެހީތެރިވުމަށް ބޭންކަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"އަލަށް ތައާރަފު ކުރި ކާޑުތައް އުފައްދާފައިވަނީ ރީސައިކަލް ޕްލާސްޓިކުގައި. މިއީ ވިޔަފާރީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތި ކާޑުތަކެއް ނޫން، މިއީ ދުނިޔޭގެ ތިމާވެއްޓަށް ރައްކާތެރި ކާޑުތަކެއްވެސްމެ" ކާލް ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލް އިން އަލަށް ތައާރަފުކުރި ކާޑުތަކުގައި ބޭނުންކޮށްފައިވާ ރާއްޖޭގެ ފޮޓޯގުރާފަރުން ނަގާފައިވާ ފޮޓޯތަކުން ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުން ފާހަގަކުރެވޭ ރެދަން އަދި މުރަކައިގެ ތަފާތު ރީތި މަންޒަރުތަކެވެ.

ބީއެމްއެލް އިން ބުނީ، މި އާ ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓާކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފު ކުރި ޑިޒައިންތަކެއް ކަމަށާއި ބީއެމްއެލް ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތައާރަފުކުރި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ ކަމަށެވެ.