ފަލަސްތީން ރައްޔިތުންނަށް އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ފަރުޟު ފަސްނަމާދުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފިއެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކުއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.

ޒަޔަނިސްޓް ޔަހޫދީންގެ ފަރާތުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ދަނީ ކިޔަމުންނެވެ. އަޑުހަރުކޮށް ކިޔަވާ ނަމާދުތަކަކީ މަޣުރިބު، އިޝާ އަދި ފަތިސް ނަމާދެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ވަނީ ފަލަސްތީން ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވުމަށް އެދި މިއަދު މެންދުރު ނަމާދުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ފަރުޟު ފަސްނަމާދުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގައިފައެވެ.