ނ. މާފަރު އެއާޕޯޓުގެ ފިއުލް ފާމް ބޭނުން ކުރަން ފަށައިފިއެވެ.
މާފަރު އެއާޕޯޓުގެ ފިއުލް ފާމް ހުޅުވުމަށް އެ އެއާޕޯޓުގައި މިއަދު ވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއި ފިއުލް ފާމް ޕްރޮޖެކްޓަށް ފައިނޭންސް ކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދުރީސް ކުމްރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މިހާދު ވިދާޅުވީ މާފަރު އެއާޕޯޓަށް މިހާރު އަހަރަކު 700 ފްލައިޓް ބާއްވާ ކަމަށާއި ފިއުލް ފާމާ އެކު އެ އަދަދު ދެގުނަ ކުރެވިދާނެ ކަމަށެވެ.
ފިއުލް ފާމުގެ ސަބަބުން އިންޓަނޭޝަނަލް ފުލައިޓުތައްް އިތުރުވެ، މާފަރު ކައިރީގައިވާ ރަށްތަކަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ފިއުލް ފާމުގެ ސަބަބުން އައިއޭއެސްއަށް އިތުރަށް ފައިސާ ލިބިގެންދާނެ ކަމަށެވެ.
- 400،000 ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވެން ހުންނާނެ
- ފުލައިޓަށް ތެޔޮ އެޅުމަށް ބޭނުންވާ ވަސީލަތްތައް ހުންނާނެ
- ފުލައިޓަށް ތެޔޮ އެޅުމަށް ބޭނުންކުރާ އެއް ބައުޒަރުގެ ކެޕޭސިޓީގައި 35،000 ލީޓަރު ހުންނާނެ
- ދެވަނަ ބައުޒަރުގެ ކެޕޭސިޓީގައި 20،000 ލިޓަރު ހުންނާނެ
- ފިއުލް ފާމް ހިންގާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން
- އެއް ފަހަރާ ގިނަ މަތިންދާބޯޓުތަކަށް ތެޔޮ އެޅޭނެ
މާފަރު އެއާޕޯޓަކީ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެކެވެ. މިދިޔަ އަހަރު އެ އެއާޕޯޓަށް 400 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓު ވަނީ ޖައްސައިފައެވެ.
މާފަރު އެއާޕޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރެވެ. އެ އެއާޕޯޓު ހެދުމަށް ފައިނޭންސް ކޮށްފައިވަނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިންނެވެ. އޭޑީއެފްޑީން ވަނީ އެއާޕޯޓު ހެދުމަށް 60 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ.
އޭޑީއެފްޑީން، މާފަރު އެއާޕޯޓު ހަދައިފައިވަނީ ބޮއިން މަރުކާގެ އޭ320 ފުލައިޓު އަދި ބޮއިން 737 ޖެއްސޭ ގޮތަށެވެ. އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 2،200 މީޓަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު