އިޒްރޭލު މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތް ހަދައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި ހައިތަމް ވިދާޅުވީ އިޒްރޭލުން 1948 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ލާ އިންސާނީ އަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ. އެ އަނިޔާތަކުގެ ސަބަބުން ފަލަސްތީނުގެ ތުއްތު ކުދިންނާއި އާންމު ރައްޔިތުން ޝަހީދު ވެފައިވާއިރު ބައެއް މީހުން ވަނީ އުމުރު ދުވަހަށް ރެފިއުޖީންނަށް ބަދަލުވެފައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާ އިންސާނީ ކަންކަމަކީ އިންސާނީ ހައްގުތަކާ ދެކޮޅު ކަންކަން ކަމަށް ހައިތަމް ވިދާޅުވިއެވެ.
"އެހެންކަމުން ދިވެހި ރައްޔިތަކަށްވެ ހުރެ އަޅުގަނޑު ހަރުއަޑުން އިޒްރާއީލްގެ ޔަހޫދިން މި ހިންގާ ލާ އިންސާނީ އަމަލުތައް ކުށްވެރިކުރަމެވެ. އެފަދަ ގައުމެއްގެ ޕާސްޕޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ނަމުގައި މި ސައްތައިން ސައްތަ މުސްލިމް ގައުމަށް އައުމަކީ އިންތިހާއަށް ކަންބޮޑުވެ ބިރުގަންނަންޖެހޭ ކަމެކެވެ. ވީމާ ދިވެހިރާއްޖޭގެ މުއައްސަސާތަކުން ވީ އެންމެ އަވަހަކަށް އިޒްރޭލުގެ ޕާސްޕޯޓާއި އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ގޮވާލަމެވެ،" ހައިތަމް ވިދާޅުވިއެވެ.
ހައިތަމް ވިދާޅުވީ، އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރުމާ ބެހޭ އެ މައްސަލަ މަޖިލީހުގެ ހާރިޖީ ކޮމިޓީން ބަލައިދިނުމަށް އެދި ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުރަމުިންދާ ހަނގުރާމައިގައި މިހާތަނަށް 4،000 މީހުން ވަނީ މަރުވެފައި ކަމަށް ހައިތަމް ވިދާޅުވިއެވެ. އޭގެ ތެރެއިން 3،000 މީހުންނަކީ ފަލަސްތީނުގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ 3،000 މީހުންގެ ތެރެއިން ގިނައިން މަރުވެފައިވަނީ ކުޑަކުދިންނާއި އަންހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުން، ވަނީ ގާޒާގެ ފެނާއި ކަރަންޓު ކަނޑައި ފަލަސްތީނުގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ތާށިކޮށް ނެތިކޮށްލުމުގެ މަސައްކަތް ކުރަމުން ކަމަށް ހައިތަމް ވިދާޅުވިއެވެ.
ހައިތަމް މިފަދަ މައްސަލައެއް ހުށަހެޅުއްވި އިރު، ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވަނީ ގަރާރެއް ވެސް ހުށަހަޅައިފައެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގަރާރު ފާސްކޮށްފައެވެ. މީގެ އިތުރުން އިޒްރޭލު ރައްޔިތުންނަށް ދަތިކުރުމަށް މަޖިލީހަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު