ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ގުރުއާން ތަފްސީރު ކުރައްވައި ލިޔުއްވި ފޮތް ނެރެފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ދިމާކޮށް ނެރުއްވި "ކީރިތި ޤުރުއާނުގެ ހުލާސާ ތަފްސީރު" ފޮތަކީ މަހާޒް ލިޔުއްވަން ފައްޓަވާފައިވާ ތަފްސީރުގެ ހަ ވޮލިއުމުންގެ ތެރެއިން ފުރަތަމަ ވޮލިއުމެވެ. އެ ވޮލިއުމްގައި 44 ސަފުހާ ހިމެނެއެވެ.

ފަނޑިޔާރު މަހާޒުގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން، ކީރިތި ގުރުއާނުގެ ތަފްސީރެއް ލިޔުމުގެ ހިޔާލު ލިބިވަޑައިގަތީ ކޮއްކޮ އުފެއްދި "ގުރްއާން އެމްވީ" އެޕްލިކޭޝަންގައި ހިމެނޭ ތަރުޖަމާގައި ހުރި ބައެއް އައިބުތަކާއި އުނިތަކުގެ ޝަކުވާ ލިބެމުންދާތީއެވެ.

އޭނާ ލިޔުއްވި ފޮތުގައި ކޮންމެ އާޔަތެއްގެ ތަފްސީރު ލިޔެފައި ވަނީ އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން ކަމަށްވެސް ވިދާޅުވިއެވެ.

މަހާޒް ލިޔުއްވާފައިވާ ގޮތުގައި މިހާތަނަށް ތިން ވޮލިއުމެއްގެ މަސައްކަތް ވަނީ ނިނުމާ ގާތްވެފައެވެ. އެއިން ކޮންމެ ވޮލިއުމެއްގައި ގުރުއާނުގެ ފަސް ފޮތް ހިމެނޭނެއެވެ.

މަހާޒްގެ އެ ފޮތް މާލެއާއި ހުޅުމާލެ ނޮވެލްޓީ ބުކްޝޮޕުގައި ލިބެން ހުންނާނެއެވެ. އެ ފޮތް ވިއްކަނީ 395 ރުފިޔާއަށެވެ.