އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އިޒްރޭލަށް ތާއީދުކުރާކަން ހާމަކުރުމަށް ބައިޑެން އިޒްރޭލަށް ވަޑައިގަންނަވާނީ މާދަމާއެވެ. އަދި ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމައިގައި ގާޒާއަށް އަރައިގަތުމަށް އިޒްރޭލުން ވަމުންދާ ތައްޔާރީއާ އެއްބަސްކަން ހާމަކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބައިޑެން އިޒްރޭލަށް ވަޑައިގަތުމަކީ އޭނާއަށް ނުރައްކަލަކަށް ވެދާނެ ކަމެކެވެ. އެއީ ހަމާސް އިން އިޒްރޭލަށް ރޮކެޓު ހަމަލާތައް ދެމުންދާއިރު، އެއާޕޯޓާ ދިމާކޮށް ރޮކެޓު ހަމަލާ ދިނުންވެސް އެކަށީގެންވާތީއެވެ.

އިޒްރޭލުގެ މަޝްވަރާތައް ނިމުމަށް ފަހު ބައިޑެން ޖޯޑަންއަށް ވަޑައިގަންނަވަންވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ ގައުމުގައި ޖޯޑަންގެ ރަސްގެފާނު އަބްދުﷲ އާއި މިސްރުގެ ރައީސްއާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަދި އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރާއެކު ބައްދަލުކުރައްވާނެއެވެ.

ގާޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައިޑެން މިއަދު ވަނީ މިސްރުގެ ރައީސްއަށް ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައެވެ. އެކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވައިޓް ހައުސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ފަލަސްތީނުގެ ނޫހަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތަލުގައި ގާޒާއިން މިހާތަނަށް 2،800 މީހުން ވަނީ މަރުވެފައެވެ.