ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ހަނގުރާމަވެރި ކުށްތަކާއި ލާ އިންސާނީ އަމަލުތައް ތަހުގީގުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ އިސްލާމްދީނާ ގުޅިފައިވާ އުފާވެރި ދުވަހެއް ފާހަގަކުރަން ޖެހިފައިވަނީ އިސްލާމީ އުންމަތުގެ އެތައް މިލިއަން އަހުންނާއި އުހުތުންތަކެއް، ޣައިރު މުސްލިމުގެ ހަމަލާތަކުގެ ސަބަބުން ޝަހީދު ވަމުންދާ ދުވަސް ވަރެއްގައި ކަމަށެވެ.
އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް، މުސްލިމުންގެ މުގައްދަސް ބިންތަކުގެ ހުރުމަތް ކަނޑަމުން ދިޔުމަކީ އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ހަންޖަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް އަޅުގަނޑުމެން ކުށްވެރިކުރަނީ އެންމެ ހަރުކަށި އިބާރާތުން. ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި އަމަލުތައް ތަހުގީގުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލަމެވެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި ނިކަމެތިކަމާއީ އަނިޔާވެރިކަމުގައި ދިރިއުޅެމުންދާ މުސްލިމުން އެ ހަލާތުން މިންޖުކޮށް ދިނުމަކީ މުޅި އިސްލާމީ އުންމަތުގެ ވާޖިބެއް ކަމަށެވެ. އެ މަސައްކަތް ކާމިޔާބުވާނީ މުސްލިމުންގެ ސަފުތައް ބަދަހިވެ، ގުޅުންތައް ހަރުދަނާވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
މުސްލިމުންގެ މެދުގައި އުފެދިފައިވާ ބައިބައިވުން ނައްތާލައި، އިސްލާމް ދީނުގެ ސުލްހަ އާއި ހަމަޖެހުން ދުނިޔެއަށް ސާބިތުކޮށްދިނުމަށް ހުރިހާ މައިދާންތަކެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިންގެ މެދުގައި އިސްލާމީ ހިދާޔަތުގެ އަލިކަން ފެތުރިފައި އޮތުމަށް މާތްﷲ މިންވަރުކުރެއްވިކަމީ، އެކަލާނގެ ދިވެހިންނަށްޓަކައި ދެއްވި ނިއުމަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިންގެ މެދުގައި އޮތް ހަމަޖެހުމާއި ސުލްހައިގެ އަސްލަކީ، މުޖުތަމައުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު