ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 80 ޕަސަންޓު މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަސައްކަތަށް ބޭނުންވާ ކޮންކްރިޓު ގަލުގެ ޝިޕްމެންޓުވެސް މިހާރު ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 98 ޕަސަންޓު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަޏީ ބޭރު ތޮށިލުމާއި އެއްގަމުތޮށި ލުމާއި ކޮންކްރީޓު ބްރިޖު ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 81 މީޓަރުގެ ސަރަހައްދެއްގައި ޗެނަލްގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އަދި 49 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުމާއި 9,270 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓު ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 88.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.