ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނުގައި ހުރި މައްސަލަ ހައްލުކުރުމަށް އަލުން އެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށްފަހު، އިތުރަށް ދިރާސާކުރުމަށް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅީ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ މިއަދު ނެގި ވޯޓުގައި އެ ބިލު ބަލައިގަތީ މަޖިލިސް ޖަލްސާގައި އެ ވަގުތު ތިއްބެވި 42 މެންބަރުންގެ ތެރެއިން 40 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލު ބަލައިގަތުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ ބިލު އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވަން ނިންމެވީ، ބިލުގައި ޓެކުހާބެހޭ މާއްދާއެއް ހިމެނޭތީ ކަމަށެވެ.
ވިޔަފާރި މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ތަސްދީގު ކުރެއްވި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި އޮތް ގޮތުން، ކޮތަޅުން ފީ ނަގަން ފަށަން ޖެހޭނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވެެގެން ކޮތަޅުން ދެ ރުފިޔާގެ ފީ ނަގަން ފެށީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެކަމުގެ ސަބަބުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށްވުރެ ވަރަށް ބޮޑަށް ވަނީ އުފުލި އާއްމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ.
ގާނޫނުގައިވާ ގޮތުން ކޮތަޅަށް އިތުރު ފީއެއް ދައްކަން ނުޖެހޭނީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ އިތުރުން ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ އެހެނިހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ "ބިންލައިނާ" އަށެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާއަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 50 ނުވަތަ އެ އަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭނެ ކަމަށެވެ.
އެންވަޔަމެންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުނި މެނޭޖް ކުރުމުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލް ފާސްވުމުން ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު