ސަރުކާރުގެ މަގާމުތަކަށް އައްޔަނުކުރައްވާނީ ހިނިތުންވުމާއެކީގައި ކަންކަމުގައި ޖަވާބުދާރީވެވޭނެ ފެންވަރުގެ ބޭފުޅުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމުގައި މުއިއްޒު ހުންނަވާ ފަހު ރޭ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މޭޔަރުކަމުގެ ދެ އަހަރާއި ބައިގެ ތެރޭގައި ދަތިތަކާއެކުގައިވެސް މާލެއަށް ހިދުމަތްތަކެއް ކޮށްދެވިފައިވާ ކަމަށާއި ރިޔާސީ އިންތިހާބުގައި މާލެއިން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ސާފު މެޖޯރިޓީއަކީ އެކަމުގެ ނަތީޖާ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ، ކޮންމެ މުވައްޒަފަކީވެސް ޒިންމާދާރުކަމާއެކީގައި ހިދުމަތް ދޭނެ ބަޔަކަށް ހެދުން ކަމަށެވެ. އަދި މަގާމުތަކަށްވެސް އައްޔަނުކުރައްވާނީ އެފަދަ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ކޮންމެ ދިމާލެއްގައި މަސައްކަތް ކުރާ މުވައްޒަފަކީވެސް ކޮންމެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފަކީވެސް ހަމަ އެގޮތުގައި ރައްޔިތުންނަށް ކުރިމަތިލައި ހިދުމަތް ދިނުމުގައި ހިނިތުންވުމާއެކުގައި ޖަވާބުދާރީވުމުގައި އެއްވެސް ފަސްޖެހުމެއް ނެތި، ކަމެއް ފޮރުވުމެއް ނެތި ވަރަށް ރެސްޕޮންޒިބަލްކޮށް ވަރަށް ޒިންމާދާރުކަމާއެކީގައި ހިދުމަތްދެވޭނެ ބަޔަކަށްވުން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، އަންނަ މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލޭގެ ސިޓީ ކައުންސިލަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި މާލޭގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު