ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓް މި އަހަރުގެ ލިބޭ ދެ ވިޔަފާރި މިއަދު ހޮވައިފިއެވެ.

މި ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ލިބޭ ގްރާންޓެކެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ދެ ފަރާތަކީ:

1. އާމިނަތު ހަމީދު (މޯލްޑިވިއަން ޕެޓިސިއޭ): ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓްރީ ލިބޭ ބޭކަރީއެއް ގާއިމުކުރުމަށް

2.ސަންފާ ނަޒާހަތު އަހުމަދު (ނަޒާހެލްތް): ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަންގެ ހިދުމަތް ގާއިމުކުރުމަށް

ބީއެމްއެލް އިން ބުނީ، ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދިޔަ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށާއި އެގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅު ކަމަށް ފާހަގަވި ދިހަ ފަރާތް ޝޯޓްލިސްޓް ކުރި ކަމަށެވެ.

އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓް ކުރި ފަރާތްތަކުން އެ ފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ސްޓާޓަޕް ގްރާންޓް ސްކީމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ފަހުރެއް ކަމަށާއި ބީއެމްއެލުން ދެކެން ބޭނުންވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް ވިޔަފާރިތަކުގެ ސަބަބުން އާ ފުރުސަތުތަކެއް ފަހިވާ މަންޒަރު ކަމަށެވެ.