އިޒްރޭލު ސިފައިންގެ ފަރާތުން ޕަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި، އެގައުމުގެ ރައްޔިތުންނަށް އެހީވުމަށް މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯމާލަމުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިއޭސީގެ ވައިސް ޗެއާމަން އާދަމް ނާއިފް ވިދާޅުވީ އަންނަ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ފަންޑް ރެެއިސިންގެ އިވެންޓުތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މާލެ ސަރަހައްދުގެ ކޮންމެ މިސްކިތެއްގައިވެސް ފަންޑު ފޮށިތައް ބަހައްޓޭނެ ކަމަށެވެ. އަދި އެގޮތަށް ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް ފަންޑު ފޮށި ބަހައްޓައި ދިނުމަށް އައިއޭސީން ވަނީ އެދިފައެވެ.

ނާއިފް ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު 4:00ގައި ކަނބަލުންގެ އެއްވުމެއް އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ. އެ އެއްވުމުގައި ކަޅުކުލައިގެ ހެދުމެއް ލައިގެން ބައިވެރިވުމަށާއި އަދި ޕަލަސްތީނުގެ ދިދައެއް ހިފައިގެން އައިސް ޝުއޫރު ފާޅުކުރުމަށް އައިއޭސީން އިލްތިމާސްކުރެއެވެ.

އޭގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު 4:00ގައި، ކާރު އަދި ސައިކަލު އެސޯސިއޭޝަންތަކުން ފަންޑް ރެއިސިން އިވެންޓެއްގެ ގޮތުގައި ބާއްވާ ހަރަކާތެއް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އޮންނާނެ ކަމަށާއި އެ އިވެންޓުގައިވެސް ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 6:00 އިން އެ ދުވަހުގެ ރޭ 12:00 އަށް މީޑިއާތަކާ ގުޅިގެން ޓެލެތޯންގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.

"މިއީ ރާއްޖޭގެ ރައްޔިތުން މި ޖަމިއްޔާއަށް ދޭ އެއްބާރުލުން ލިބިގެން ކުރިއަށްގެންދާ ހަތަކާތްތަކެއް. ލޯކަލީ ހަރަކާތްތެރިވާ އެންޖީއޯތައް، ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭ ހެދިފައިވާ ސީއެސްއާރުގެ ތެރެއިން ދާ ކަންތައްތަކާއިި ކްލަބު ޖަމިއްޔާތަކުގެ އެއްބާރުލުން ލިބިގެން ކުރިއަށްދަނީ. އެގެތެރޭގައި ކަސްތަރުކުރާ ޖަމިއްޔާތަކާއި ޖިމްސްތަކާ ވެސް ވާހަކަ ދައްކަމުން މިދަނީ ރަންއެއްގެ ކަންތަކާއި އަދި ފަހުގެ ތާރީހެއްގައި އޭގެ ކަންތައްވެސް އިއުލާނުކުރާނެ. އޭގެ އިތުރަށް ހޮނިހިރު ދުވަހުގެ ރޭ ސައިލެންޓް ޕްރޮޓެސްޓެއް އަންހެން، ފިރިހެން އެކީ ހިމަނައިގެން ކުރިއަށްގެންދިއުމަށް ވަނީ ރޭވިފަ. ނަމަވެސް ބާއްވާނެ ތަނެއް ޔަގީން ވުމާއެކު އެ ޖަމިއްޔާގެ ޝޯޝަލް މީޑިޔާއިން އެކަން އިއުލާނެ ކުރާނެ،" ނާއިފް ވިދާޅުވިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މިހާތަނަށް އެ ހަމަލާތަކުގައި 260 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ 260،000 އަށްވުރެ ގިނަ މީހުން ވަނީ މަގުމަތި ވެފައެވެ. އަދި މަރުވި މީހުންގެ ޖުމުލަ އަދަދު 950 އަށްވުރެ ގިނައެވެ.