އޮމާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުމާ ގުޅޭގޮތުން ޝަރުތެއް އިތުރުކޮށްފިއެވެ.

ރާއްޖެއިން އޮމާނަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ. ނަމަވެސް ދާދި ފަހުން ރާއްޖެއިން އޮމާނަށް ދިޔަ އާއިލާއަކަށް އޮން އެރައިވަލް ވިސާ ނުލިބި، 12 ގަޑިއިރު އެއާޕޯޓުގައި ހިފެހެއްޓުމަށް ފަހު ވަނީ ރާއްޖެއަށް އަނބުރާ ފޮނުވާލައިފައެވެ.

އެކަމާ ގުޅިގެން އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މީގެ ކުރިން އެ މިނިސްޓްރީން ދިން މައުލޫމާތަކީ އޮމާނުގެ ކަމާގުޅޭ އިދާރާތަކުން ދީފައިވާ ރަސްމީ މައުލޫމާތު ކަމަށެވެ. ނަމަވެސް އެ ގައުމުން އޮން އެރައިވަލް ވިސާ ލިބޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވުމުން ކަމަށް ފަހުން އަންގާފައިވާ ކަމަށް ބުންޏެވެ.

އޮމާނުން 14 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބުމަށް ފުރިހަމަ ވާން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން އަންގާފައިވާ ޝަރުތުތަކަކީ:

  • އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ޤައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން
  • ހޮޓެލް ބުކިން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން

ފޮރިން މިނިސްޓްރީން ވަނީ އެ ޝަރުތުތައް ހަމަނުވާނަމަ ދުރާލާ ވިސާ ނަގައިގެން ދަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ދިވެހިންނަށް އެއްވެސް ޝަރުތަކާ ނުލައި އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް އެ ގައުމުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ބުންޏެވެ.