އެކްސްގައި ސައްހަ ނޫން މައުލޫމާތު ފަތުރާތީ އެކްސްގެ ވެރިޔާ އިލޮން މަސްކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިންޒާރު ދީފިއެވެ.

އީޔޫއިން އިލޮންއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ ހަމާސް އާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާއާ ގުޅޭގޮތުން އެކްސްގައި ސައްހަ ހޫން މައުލޫމާތު ފަތުރަމުންދާ ކަމުގެ މައުލޫމާތު އިތުބާރު ހިފޭ އިދާރާތަކުން އީޔޫއަށް ލިބިފައިވާ ކަމަށެވެ.

އީޔޫއިން ޝައްކުކުރަނީ ކުރީގެ ފޮޓޯތައް މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅުވައިގެން އެކްސްގައި ދައުރުކުރަމުންދާ ކަމަށެވެ. އަދި ހަނގުރާމައިގެ ވީޑިއޯތައް ކަމަށް ބުނެ ވީޑިއޯ ގޭމްތަކުގެ މަންޒަރުތައްވެސް ދައުރުވަމުންދާ ކަމަށް ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ސައްހަ ނޫން މައުލޫމާތު ހުއްޓުވަން އީޔޫއިން ގަވާއިދުތަކެއް ކަނޑައަޅާފައިވާ އިރު، ފޭސްބުކް އަދި ޓިކްޓޮކް ފަދަ ބޮޑެތި ކުންފުނިތަކުންވެސް އެ ގަވާއިދަށް އަމަލުކުރެއެވެ. އަދި އެ ޕްލެޓްފޯމްތަކުގައި ދައުރުވާ އެފަދަ މައުލޫމާތު ޑިލީޓް ކުރުމަށް ނޫނީ ރިޕޯޓު ކުރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން، އީޔޫގެ އިންޒާރަށް އިލޮން ތަބާ ނުވެއްޖެ ނަމަ، އެކްސްގެ އާމްދަނީގެ ހަ ޕަސަންޓުން އެ ޕްލެޓްފޯމް ޖޫރިމަނާ ކުރާނެއެވެ. އަދި އީޔޫގެ ގައުމުތަކުގައި އެކްސް ބްލޮކް ކުރުންވެސް އެކަށީގެންވެއެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް ގާޒާގެ 900 މީހުން މަރުވެގެން ރިޕޯޓުކޮށްފައި ވެއެވެ. އަދި 4،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އެ ހަނގުރާމައިގައި އިސްރާއީލުން މިހާތަނަށް 1،200 މީހުން ވަނީ މަރުވެފައެވެ.