ޝަރުއީ ދާއިރާގެ މިނިވަންކަމާއި ރާއްޖޭގެ ތާރީހު ރަމްޒުކޮށްދޭ ގޮތަށް ފުރަތަމަ ފަހަރަށް ހާއްސަ ގައުނެއް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުގެ އެންމެ އިސް ފަނޑިޔާރު އަދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މިހާރު ތުރުކުރައްވަނީ ރަން ކުލައިގެ ރޭނދާއެއް ހިމެނޭ ގައުނެކެވެ. ފަނޑިޔާރުން މިހާރު ތުރުކުރައްވަނީ ރިހި ކުލައިގެ ރޭނދާއެއް ހިމެނޭ ކަޅު ކުލައިގެ ގައުނެކެވެ.

ސްޕްރީމް ކޯޓުން ބުނެފައިވާ ގޮތުގައި މިއަދު ތައާރަފްކޮށްފައިވާ ގައުނަކީ، އިސްލާމީ ތާރީހާއި ރާއްޖޭގެ ސަގާފަތާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ގައުކެވެ.

އެގޮތުން އެ ގައުނުގެ ޑިޒައިންގެ އެއްބައި ފަރުވާކޮށްފައިވަނީ މާލޭ ހުކުރު މިސްކިތުގެ ހިރިގަލުގެ ފަރުމާ އަސްލަކަށް ބަލައިގެންނެވެ. އަދި ގައުންގައިވާ ތިލަފަތާއި ތިން ތަރީގެ ޑިޒައިނުން ރަމްޒުކޮށްދެނީ އަދުލު އިންސާފު ގާއިމުކުރުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަމަށްވެސް ބުނެފައިވެއެވެ.

އާ ގައުނުގެ ޑިޒައިންގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ތުރުކުރައްވާނީ ރަން ކުލައިގެ ދެ ފަށުގެ ރޭނދާއެއް ލާފައިވާ ގައުނެކެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންގެ ގައުނުގައި ހުންނާނީ އެންމެ ރޭނދާއެކެވެ.