ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިން އިން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް" ރޭޓިން އަނެއްކާވެސް ދަމަހައްޓައިފިއެވެ.
ފިޗުން ރޭޓިން މުރާޖާ ކުރަނީ އަހަރަކު އެއްފަހަރުއެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދީ ހާލަތު ވަޒަންކުރުމަށްފަހު 2017 އިން 2019 އަށް ފިޗުން ދީފައިވަނީ ބީ ޕޮޒިޓިވްގައެވެ. އަދި ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ބީ ނެގެޓިވްއާއި ސީސީސީ ރޭޓިންވެސް ރާއްޖެއަށް ދިނެވެ.
ނަމަވެސް ކޮވިޑުން އަރައިގަނެ އިގުތިސޯދީ ހާލަތު ރަނގަޅުވަމުން އަންނާތީ 2021 ވަނަ އަހަރާއި މިދިޔަ އަހަރުވެސް ރާއްޖެއަށް ދީފައިވަނީ ބީ ނެގެޓިވް ރޭޓިންނެވެ. މިއީ މި ރޭޓިން ޖައްސަ ޖައްސައިގެން ދިން ތިންވަނަ އަހަރެވެ.
ފިޗުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސޯދު މި އަހަރު 7.2 ޕަސަންޓުގައި ކުރިއަރާނެއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ އިގުތިސާދު 6.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ފިޗުން ވަނީ ރާއްޖޭގެ ރިޒާވް ދަށްވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ރާއްޖޭގެ ރިޒާވްގައި 3.5 މަހުގެ އިމްޕޯޓް ފައިސާ ހުންނަންޖެހޭއިރު، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި މިހާރު ހުރީ 1.1 މަހުގެ އިމްޕޯޓުގެ ފައިސާ ކަމަށެވެ. އެއީ 150 މިލިއަން ޑޮލަރެވެ.
ފިޗުން ވަނީ ރާއްޖޭގެ ދަރަނީގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އެގޮތުން އަންނަ އަހަރު، ރާއްޖެއިން ބޭރުން ނެގި ލޯނުތަކަށް 3.6 ބިލިއަން ރުފިޔާއާއި ގެރެންޓީ ދިން ލޯނުގެ 4.6 ބިލިއަން ރުފިޔާއާއެކު އެކު ޖުމުލަ 8.2 ބިލިއަން ރުފިޔާގެ ދަރަނި ދައްކަންޖެހޭއިރު 2025 ވަނަ އަހަރު ބޭރުން ނެގި ލޯނުތަކަށް 5.6 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނެފައިވެއެވެ.
އަދި 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަންޖެހޭއިރު، ރާއްޖެއަށް ދަރަނީގެ ގޮތުގައި ބޭރުން ފައިސާ ހޯދަން ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު