އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން 123،000 އަށްވުރެ ގިނަ މީހުން މަަގުމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އދ. ގެ ހިއުމެނިޓޭރިއަން ރިލީފް އެޖެންސީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާޒާގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން 123،538 މީހުން ވަނީ ގެދޮރުނެތި، މަގުމަތިވެފައެވެ.
އެގޮތުން، އެތަށް ބަޔަކަށް ދިރިއުޅޭތަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކުރުމަށް މަޖުބޫރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ރައްކާތެރިކަން ހޯދުމަށް ސްކޫލުތަކުގައި ޖަމާވެ ތިބި ކަމަށްވެސް ބުންޏެވެ.
އިއްޔެ އިޒްރޭލުން ހަތަރު އިމާރާތަކަށް ހަމަލާ ދީފައިވާ އިރު، އޭގެ ތެރޭގައި މީހުން ދިރިއުޅޭ އިމާރާތްތައްވެސް ހިމެނެއެވެ. އަދި އޭގެ ތެރޭގައި މީހުން ދިރިއުޅޭ 159 ޔުނިޓު އެއްކޮށް ސުންނާފަތި ވެފައިވާ އިރު، 1،210 ޔުނިޓަކަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާން ކޮށްފައެވެ. އެ މައްސަލައިގައި އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއްވެސް އިއްޔެ ބާއްވާފައިވާ އިރު، އެއްބަސްވުމަކަށް އާދެވޭގޮތް އަދި ވަނީ ނުވެފައެވެ.
އިޒްރޭލުން ވަނީ މިހާތަނަށް އެގައުމުގެ 700 އަށްވުރެން ގިނަ މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ފަލަސްތީނުގައި ރަހީނުކޮށްފައިވާ ކަމަށް ބުނެފައެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 413 މީހުން ޝަހީދުވެފައިވާ ކަމަށް އެގައުމުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ