ބިންހެލުމަކާއެކު ޖަޕާނަށް ސުނާމީއެއް އަރައިފިއެވެ.

ޕެސިފިކް ކަނޑަށް ބުރާސްފަތިދުވަހު އައި 6.6 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު ޖަޕާނުގެ އައްސޭރިފަށަށް ކުޑަ ސުނާމީއެއް އަރާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ބިންހެލުން އައިސްފައިވަނީ ވެރިރަށް ޓޯކިއޯގެ 360 މޭލު ބޭރުން 10.5 މޭލު ކަނޑުގެ އަޑިން ކަމަށް އޮފިޝަލުން ބުނެއެވެ.

ބިންހެލުމަށްފަހު ޖަޕާނުގެ އިޒޫ އައިލެންޑަށް އެރީ އެއްފޫޓު އުސްމިނުގެ ސުނާމީއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބިންހެލުމާއެކު ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ ސުނާމީ އަންނާނެ ކަމުގެ އިންޒާރު ނެރެފައެވެ. އެންމެ ފުރަތަމަ އެ އެޖެންސީން ސުނާމީގެ ރާޅުގެ އުސްމިން ތިން ފޫޓަށް އަރާނެ ކަމަށް ބުނި ނަމަވެސް ފަހުން ވަނީ ބަދަލު ގެނެސްފައެވެ.

މީޓިއޮރޮލޮޖިކަލް އެޖެންސީން އިންޒާރު ނެރުނުތާ ދެގަޑިއިރު ފަހުން އުވާލި ނަމަވެސް ބިންހެލުމުގެ ސަބަބުން އިތުރު ލޮޅުންތަކެއް އިހުސާސު ކުރަން ޖެހިދާނެކަމަށް ރައްކާތެރިވެ ތިބުމަށް ވަނީ އަންގާފައެވެ.