ކޮންމެ ދައުރަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު އިތުރުވާގޮތަށް އޮތް އޮތުން ނިމުމަކަށް ގެނަސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ކުރަންޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.
ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައި ވަނީ ކޮންމެ 5،000 މީހަކަށް މެމްބަރެއްގެ އުސޫލުންނެވެ. އެހެންކަމުން މަޖިލީހުގެ ކޮންމެ ދައުރެއް ނިމޭއިރު، ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ ނިސްބަތް އިތުރުވަމުންދާ ވަރަކަށް ދާއިރާތައް އިތުރުކޮށް، މަޖިލީހަށް މެންބަރުން އިތުރު ކުރަންޖެހެއެވެ. އެހެންކަމުން މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ 2024 ވަނަ އަހަރަށް ހަމަވާއިރު އެއަހަރު މަޖިލިހަށް އިންތިހާބު ކުރަންޖެހޭ ދާއިތާތައް އިތުރުވެ މެންބަރުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންޖެހޭ އާ ދާއިރާ ތަކާއެކު ޖުމްލަ 93 މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާރުއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ.
މުއިއްޒު ވިދާޅުވީ، ބޮޑުވަމުންދާ އާބާދީއާއެކު މަޖިލިސް މެންބަރުން އިތުރުވެގެން ދިއުމަކީ ރަނގަޅުގޮތް ނޫން ކަމަށެވެ.
"މަޖިލީހުގެ ސައިޒު މިހާރު އޮންނަ ގާނޫނުގެ ތެރެއިން އާބާދީއާ އެކު އެދަނީ ބޮޑުވަމުން މިހާރު 90 އަށްވުރެން މައްޗަށް އެރީ، އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރާ ގޮތުގައި ތަންކޮޅެއް ބޮޑު އައްޑިހައިން، ނުވަދިހައިން ދިޔައިމަ ބޮޑު،"
ނަމަވެސް މުއިއްޒު ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު މަދު ކުރުމަކީ ކުއްލިއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަން ކުރަން ޖެހޭނީ އެކަމާބެހޭ ގޮތުން މަޖިލީހުގައި މަޝްވަރާ ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރުގެ އަދަދު ޑަބަލް ކޮށްލައިފައި 10،000 މީހުންގެ އާބާދީއަށް ހަދާއިރު ކުދިކުދި ރަށްތަކުގައި އުޅޭ މީހުންގެ ރެޕްރެޒެންޓް ކުޑަވެދާނެ، އެއަށް ހައްލެއް ގެންނަވާނެ. ނަމަވެސް މިހާރު ދަންނަވާކަށް ބޭނުމެއް ނޫން ވަކި އަދަދެއް. އޭގެ ބަދަލުގައި މަޝްވަރާކޮށްގެން މިހާރަށްވުރެ ކުޑަކުރުން އެންމެ ރަނގަޅު ގޮތަކީ. ކޮންމެ އާބާދީއަކާއެކު މަޖިލިސް މިދަނީ ބޮޑުވަމުން، އެކަން ނިމުމަކަށް ގެނެސް އޭގެ ބަދަލުގައި ކެޕެއްލައިފައި ދެން އާބާދީ ރެޕްރެޒެންޓްކުރާ ސައިޒު މިހާރަށްވުރެން 5،000 ބޮޑު ކުރީމަ ކުޑަވެގެންދާނެ އެހެންވުން އެންމެ ރަނގަޅީ،"
މުއިއްޒު ވިދާޅުވީ، އެގޮތުން ކޮންމެ 10،000 މީހަކަށް އެމްޕީއެއް ހުރުމަކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެއީ މިވަގުތު އެމަނިކުފާނު މަޖިލީހަށްވަޑައިގެން އެގޮތަށް ހަދަން ދަންނަވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"މެންބަރުންގެ އަދަދު އެބޭފުޅުން 50 އަށް ކުޑަކުރަންޏާ ވ. އަތޮޅު ކަހަލަ ކުދި އާބާދީތައް ތަމްސީލްވާ ގޮތަށް، ކޮންމެ އަތޮޅަކަށް ދެ އެމްޕީސް ލާފަދަ ފޮމިއުލާއެއް ނެރެވެން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު